މާލެ ސިޓީ ކައުންސިލުން އެއްވެސް މިއުޒިކު ޝޯއެއް ނުބާއްވާނެ ކަމަށް މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މުއިއްޒު މިހެން ވިދާޅުވީ އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފޯރި އިތުރަށް ގަދަ ކުރުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި މިއުޒިކް ޝޯތަކެއް ބާއްވަން ނިންމާފައިވާކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވުމުން ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މޭޔަރު މިއަދު މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކް ޝޯއެއް ނޯންނާނެ ކަމަށާއި ސިޓީ ކައުންސިލުން އިސްނަގައިގެން ރޭވީ ދަނޑަށް ނުވަދެވޭ ފަރާތްތަކަށް އެއްތަނެއްގައި ތިބެގެން މެޗް ބަލާލާނެ އިންތިޒާމެއް ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗް މިރޭ ކުޅެން ހަމަޖެހިފައި ވަނިކޮށް އިއްޔެ މިނިސްޓަރު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޯރިނަގާލާ ގިނަބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ޔޫތު މިނިސްޓްރީ، އުރީދޫ، މާލޭ ސިޓީ ކައުންސިލް އަދި އެފްއޭއެމް ގުޅިގެން މިއަދު ހަވީރުން ފެށިގެން ކާނިވަލުގައި މެޗު ބެލުން އަދި މިޔުޒިކް ޝޯވް ކުރިއަށް ގެންދަން ރޭވިފައިވާ ކަމަށެވެ. މިރޭގެ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާއި ހަމަޔަށް ކޮންމެ ރެޔަކު ޝޯވް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އާންމުގެ ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކުރަމުން އަންނައިރު މިއީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުމަށް ކުރާ ކަމެއް ކަމަށް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ. މިވަގުތު މިއުޒިކް ޝޯ ބޭއްވުމަކީ އެހާ މުހިއްމު ކަމެއްތޯ ވެސް އަނެއް ބަޔަކު ގެންދަނީ ސުވާލު ކުރަމުންނެވެ.