އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ރާއްޖޭގެ ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާ، އެސްޓީއޯ އިން ރަތް ކުލައިގެ ޓީޝާޓް ބަހައިފިއެވެ. އަބަދުވެސް 12 ވަނަ ކުޅުންތެރިޔަކީ ސަޕޯޓަރުންނެވެ.

އެސްޓީއޯ އިން މިއަދު ބެހި ރަތް ކުލައިގެ ޓީޝާޓްގައި ޖަހާފައި ވަނީ "12 ވަނަ ކުޅުންތެރިޔާ، ފަހްރުވެރިކަމާ އެކު ގައުމީ ޓީމާއެކު" މިހެންނެވެ. އެސްޓީއޯ އިން ބުނީ، ގައުމީ ޓީމަށް ސަޕޯޓް ކުރާ ގިނަ ބަޔަކަށް ރަތް ކުލައިގެ މި ޓީޝާޓް ދީފައިވާ އިރު އެއީ އެ ކުންފުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ހަމައެއާއެކު ގައުމީ ޓީމްގެ 12 ވަނަ ކުޅުންތެރިޔާގެ ގޮތުގައި އެސްޓީއޯ އޮންނާނެ ކަމަށް ވެސް އެކުންފުނިން ބުނެފައި ވެއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރިޔަށްދާ މި މުބާރާތުގައި މާދަމާ ރާއްޖެއާއި އިންޑިއާ ފުރަތަމަ ފަހަރަށް ބައްދަލު ކުރާ މި މެޗު އޮންނާނީ މާދަމާ ރޭ 9:00 ގައެވެ. މިއީ މި މުބާރާތުގައި އެންމެ ފޯރިގަދަވާނެ އެއް މެޗު ކަމަށް ބެލެވެއެވެ. ސާފްގެ ޓީމްތަކުގެ ސްކޯއަށް ބަލާއިރު އެއްވަނައިގައި އޮތީ 6 ޕޮއިންޓާއެކު ނޭޕާލެވެ. އަދި ދެވަނައިގައި 6 ޕޮއިންޓާ އެކު ރާއްޖެ އޮތް އިރު ތާވަލުގެ ތިންވަނައިގައި އޮތީ 5 ޕޮއިންޓާ އެކު އިންޑިއާއެވެ.

އެސްޓީއޯއިން 12 ވަނަ ކުޅުންތެރިޔާގެ ޓީޝާތް ބަހަނީ / ފޮޓޯ: އެސްޓީއޯ

ވަރަށް ކައިރި ކައިރީގައި އޮތް މި ދެ ޓީމް ބައްދަލު ކުރާ މެޗު ބެލުމަށް ގިނަ ބަޔަކު އަންނަނީ ތައްޔާރު ވަމުންނެވެ. ދަނޑަށް ވަންނަން ޓިކެޓު ނުލިބުނު މީހުން އަންނަނީ މާދަމާ ރޭގަނޑު ރާއްޖެ ކުޅޭ މެޗު ބެލުމަށް އެކި ސަރަހައްދުތަކުގައި ސްކްރީން ހަރުކުރަމުންނެވެ.

މިހާތަނަށް ސާފް ޗެމްޕިއަންޝިޕް 2021ގެ ތިން މެޗެއް ރާއްޖެ ކުޅެފައިވާ އިރު ބަލިވެފައި ވަނީ ނޭޕާލް އަތުންނެވެ. ބަންގަލަދޭޝްއާ އެކު 2-0 އިން ރާއްޖެ މޮޅުވެފައިވާއިރު ސްރީލަންކާއާ އެކު ކުޅުނު މެޗުން ރާއްޖެ ވަނީ 1-0 އިން މޮޅުވެފައެވެ.

އެސްޓީއޯއިން 12 ވަނަ ކުޅުންތެރިޔާގެ ޓީޝާތް ބަހަނީ / ފޮޓޯ: އެސްޓީއޯ

ސާފް ޗެމްޕިއަންޝިޕްގެ ސްޕޮންސާއެއްގެ ގޮތުގައި އެސްޓީއޯ ކުންފުނި ހިމެނޭ އިރު އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ވެސް ތިބީ ގައުމީ ޓީމާއެކު ގައުމީ ފޯރީގައެވެ. ތިން ވަނަ ފަހަރު މިއީ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މީގެ ކުރިން ރާއްޖެ ވަނީ ސާފް ޗެންޕިއަންޝިޕް 2 ފަހަރު ކާމިޔާބު ކޮށްފައެވެ. އެއީ 2008 އަދި 2018 ވަނަ އަހަރު އެވެ.