މާލޭގައި މަޖީދީމަގާއި އަލިކިލޭގެފާނު މަގު ގުޅުނު ހިސާބުގައި މީގެ ދިހަ އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލި އަހުސަން ބަޝީރުގެ މައްސަލާގައި ކުށް ސާބިތުވާ ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމްގެ މައްޗަށް މަރުގެ ހުކުމް ހައިކޯޓުން އިއްވައިފިއެވެ.

އަދަބު ކަނޑައެޅުމަށް ހައިކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ޝަހުމަށް މަރުގެ ހުކުމް އިއްވާފައިވާއިރު، އެ މައްސަލާގައި ޝަހުމަށް އެކަމުގައި އެހީވި ކަމުގެ ކުށް ސާބިތުވި މއ. ވީނަސްތަރި ހަސަން ޝިމާޒަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މިދިޔަ އާދީއްތަ ދުވަހު ހައިކޯޓުގައި އޮތް އަޑުއެހުމުގައި އަހުސަންގެ ހުރިހާ ވާރިސުން ބުނީ ޝަހުމަށާއި ޝިމާޒަށް ދޭން ބޭނުންވަނީ މަރުގެ އަދަބު ކަމަށެވެ.

ޝަހުމާއި ޝިމާޒުގެ މައްޗަށް ކުރި އެ މައްސަލާގައި ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2014 ގައި ކުރި ނަމަވެސް، އެ ދެމީހުންގެ މައްޗަށް ކުރި ދައުވާތައް ސާބިތުވާކަމަށް ދާދިފަހުން ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މިހާރުވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޝަހުމްގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ޝިމާޒުގެ މައްޗަށް ސާބިތުވީ މީހަކު މެރުމުގައި އެހީތެރިވި ކަމުގެ ދައުވާއެވެ.

މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.