މިދިޔަ ސެޕްޓެމްބަރު މަހު މީރާއިން 1.98 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 133.5 ޕަސަންޓް އިތުރު އަދަދެއް ކަމަށެވެ. މިއީ މިއަހަރު ސެޕްޓެމްބަރު މަހުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 8.6 ޕަސަންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުނެއެވެ.

ސެޕްޓެމްބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ސެޕްޓެމްބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާ، ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުން ކަމަށް މީރާއިން ބުނެއެވެ.

އެގޮތުން، 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ޓޫރިޒަމްލޭންޑް ރެންޓްގެ ސުންގަޑި ފަސްކުރެވުނު ނަމަވެސް، 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ކުލި ޝެޑިއުލާ އެއްގޮތަށް ބަލާގަނެފައިވާތީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފާވާކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ 2021 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅާ ފައިސާ ދެއްކުމުގެ ސުންގަޑި ސެޕްޓެމްބަރ 2021 އަށް ފަސްކޮށްފައިވާކަމަށާ މިއީ ވެސް އާމްދަނީ އިތުރުވުމުގެ އެއް ސަބަބު ކަމަށެވެ.

ސެޕްޓެންބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 37.6 ޕަސަންޓު ނުވަތަ 745.00 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. އެއީ 27.9 ޕަސަންޓު ނުވަތަ553.11 މިލިއަން ރުފިޔާއެވެ.

އޭގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 410.14 މިލިއަން ރުފިޔާ، ގްރީންޓެކްސްގެ ގޮތުގައި 72.37 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 53.02 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާ ފީގެ ގޮތުގައި ލިބިފައިވާ 147.98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ ސެޕްޓެންބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.