މިއަދު ހިޔާ ފްލެޓްގެ ޓަވަރު 9 އަދި 10 ގައި އަލިފާން ނިއްވާ ނިޒާމް ބަލާ ފާސްކުރަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތް ކޮށްފައިވާ ފުލެޓު ގައި ހަރުކޮށްފައިވާ އަލިފާން ނިއްވާ ނިޒާމް އަދި ނިއްވަން ގެންގުޅޭ އާލާތްތައް އެމްއެންޑީއެފުން ބަލާފާސް ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު މިއަދު ޓަވަރު 9 އަދި 10 އަކަށް އެމްއެންޑީއެފުން ދާނެ ކަމަށެވެ.

އެގޮތުން އެ ދެ ޓަވަރުގެ 24 ވަނަ ފަންގިފިލާ އިން 14 ވަނަ ފަންގިލާ އަށް އެމްއެންޑީއެފުން ދާނީ ހެނދުނު 9:00 ޖަހާއިރު ކަމަށާއި 15 ވަނަ ފަންގިފިލާއިން 5 ވަނަ ފަންގިފިލާއަށް ދާނީ 9:30 ގައި ކަމަށާއި އަދި 4 ވަނަ ފަންގިފިލާއިން 1 ވަނަ ފަންގިފިލާއަށް ދާނީ ހެނދުނު 10:00 ޖަހާއިރު ކަމަށް އެޗްޑީސީން ބުނެއެވެ.

އެހެންކަމުން މި ވަގުތު ތަކުގައި އެ ފަންގިފިލާތަކުގައި ހުރި ފްލެޓްތަކުގެ ވެރި ފަރާތް އެތަން އެމްއެންޑީއެފުން ބަލާ ފާސްކޮށް ނިމެންދެން އެޕާޓްމަންޓް ހުޅުވާފައި ބެހެއްޓުމަށް އެޗްޑީސީން ބުނެއެވެ. އަދި ފުލެޓު ހަވާލު ކުރި އިރު ހަވާލު ކޮށްފައިވާ އަލިފާން ނިއްވާ ފުޅި އަދި ރަޖާ ފެންނާނެ ގޮތަށް ބެހެއްޓުމަށް ވެސް އެޗްޑީސީން ބުނެއެވެ.

މިއަދު ޓަވަރު 9 އަދި 10ގެ އަލިފާން ނިއްވާ އާލާތްތައް ބަލާ ފާސްކުރަން ނިންމާފައި ވާއިރު މިއަދު ވަނީ ޓަވަރު 7 އަދި 8 ގެ ފްލެޓްތަކުގެ އަލިފާން ނިއްވާ އާލާތްތައް ބަލާ ފާސްކޮށްފައެވެ.