މާލޭގެ މަޖީދީމަގާއި އަލިކިލޭގެފާނު މަގު ގުޅުނު ހިސާބުގައި މީގެ ދިހަ އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލި އަހުސަން ބަޝީރުގެ މަރުގެ މައްސަލާގައި ކުށް ސާބިތުވާ ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމާއި، މއ. ވީނަސްތަރި ހަސަން ޝިމާޒަށް ދޭން ބޭނުންވަނީ މަރުގެ އަދަބު ކަމަށް، އަހުސަންގެ ހުރިހާ ވާރިސުން ހައި ކޯޓުގައި ބުނެފިއެވެ.
އެ މައްސަލާގައި ޝަހުމާއި ޝިމާޒްގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2014 ގައި ހުކުމްކުރި ނަމަވެސް، ދާދިފަހުން ހައިކޯޓުން ވަނީ އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ. މަރުގެ އެހެން މައްސަލައެއްގައި މިހާރުވެސް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޝަހުމްގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ޝިމާޒުގެ މައްޗަށް ސާބިތުވީ މީހަކު މެރުމުގައި އެހީތެރިވި ކަމުގެ ދައުވާއެވެ.
މިއަދު އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އަހުސަންގެ ހުރިހާ ވާރިސުންވެސް ބޭނުންވަނީ މަރުގެ އަދަބު ދިނުމަށް ކަމަށް ހައި ކޯޓުގައި ބުނެފައިވާ ކަމަށާއި، އެހެންވެ އެ ހާދިސާ ހިނގި ދުވަސްވަރު އަމަލުކުރި ގާނޫނުލްއުގޫބާތުގެ ދަށުން އިސްލާމީ ޝަރީއަތަށް ރިއާޔަތްކޮށް، ޝަހުމަށް ދޭން ޖެހޭނީ މަރުގެ އަދަބު ކަމަށެވެ. ދައުލަތުން ބުނި ބަހަށް ޝަހުމާއި ޝިމާޒްގެ ވަކީލު އިބްރާހީމް ޝިޔާމް އެއްބަސްވެ ވަޑައިގަތެވެ. އޭނާ ވިދާޅުވީ ދައުވާކުރީ ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށްވާތީ، އަދަބު ކަނޑައެޅުމުގައި މިހާރު ބަލަން ޖެހޭނީ އާ ގާނޫނުލްއުގޫބާތަށް ކަމަށެވެ.
ޝިމާޒަށް ދައުވާ ކުރީ އަހުސަން މަރާލި މައްސަލާގައި ޝަހުމް ގޮވައިގެން އެ ސަރަހައްދަށް ދިއުމާއި، އަހުސަނަށް ދިން ހަމަލައަށް ފަހު، ޝަހުމް ގޮވައިގެން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާތީއެވެ. އެހެންވެ، އެ ހާދިސާ ހިނގިއިރު، ކުށްކުރި މީހާއޭ އެއްގޮތަށް އޭނާ ފިލުވަން އެހީތެރިވި މީހާވެސް ކުށްވެރި ވާނެ ކަމަށާއި، އެހެންކަމުން ޝިމާޒްވެސް ކުށްވެރި ވާނެ ކަމަށް ދައުލަތުން ބުންޏެވެ.
ނަމަވެސް، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބައްލަވާ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި އޮންނަ އުސޫލަށް ބަލާއިރު، އަހުސަން މެރުމަށްޓަކައި ޝިމާޒާއި ޝަހުމާ ދެމެދު އެއްބަސްވެފައިވާ ކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި، އެހެންކަމުން ކުށްކުރި މީހާއަށް ދެވޭ އަދަބު ޝިމާޒަށް ނުދެވޭނެ ކަމަށެވެ.
އެހެންވެ، ދައުލަތުން ބުނީ ކުރީގެ ގާނޫނުލްއުގޫބާތުގެ ޝިމާޒުގެ މައްޗަށް ކަނޑައެޅޭނީ 18 އަހަރުގެ ޖަލު ހުކުމެއް ކަމަށެވެ. އަދި މިހާރު އަމަލުކުރާ ގާނޫނުލްއުގޫބާތުގެ ދަށުން ޝިމާޒަށް އަދަބެއް ކަނޑައެޅިޔަސް އެ އަދަބު ތިން ދަރަޖައަށް މަތި ކުރުމަށް ދައުލަތުން އެދުނެވެ. ސަބަބެއް ކަމަށް ދައުލަތުން ބުނީ އާންމު ތަނެއްގައި ކުށް ކުރުމަށް ފަހު ޝިމާޒް ފިލައިގެން އުޅެފައި ވާތީއެވެ. އެއާއެކު ޝިޔާމް ވަނީ ޝިމާޒަށް ދެވެން އޮތް ލުއި އަދަބެއް ދިނުމަށް އެދިވަޑައިގެންފައެވެ.
އަދަބާ ގުޅޭގޮތުން ފަނޑިޔާރުންގެ ބެންޗުން ޝަހުމާއި ސުވާލު ކުރުމުން، އޭނާ ވަނީ ރާބޮއެގެން ހުރި މީހެއްގެ ވާހަކަ ހުކުމުގައި ބުނެފައިވާ ކަމަށާއި، އެފަދަ މީހެއްގެ ބަސް ގަބޫލުކުރާނީ ކޮން ގޮތަކުންތޯ ސުވާލު އުފައްދާފައެވެ. އަދި އިސްލާމީ ޝަރީއަތަށް ރިއާޔަތްނުކޮށް ކުރާ ހުކުމަކަށް ބުނާނެ އެއްޗެއް ނެތް ކަމަށްވެސް ޝަހުމް ބުންޏެވެ.
އައްޑޫގައި ހުރެގެން ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވި ޝިމާޒު ވަނީ އޭނާއަށް ވީހާވެސް ލުއި އަދަބެއް ދިނުމަށް އެދިފައެވެ.
ފަނޑިޔާރު ނިޔާޒް ވިދާޅުވީ އަދަބު ކަނޑައެޅުމަށް ބާއްވާ މަޖިލިސް ފަހުން ބާއްވާނެ ކަމަށެވެ.
މި މައްސަލަ ބައްލަވާ ބެންޗުގައި ފަނޑިޔާރު ނިޔާޒްގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.