ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކަނޑައަޅާފައި ވާ ގިނަ އަމާޒުތަކަކަށް ވާސިލުވުމަށް، ނިމިދިޔަ 2020 ވަނަ އަހަރު، ދުނިޔެ ފެއިލް ވެފައި ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދުނިޔެ އިނދަޖެހިގެން ދިޔަ 2020 ވަނަ އަހަރަކީ، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް އިތުރު އެހީއަށް ބޭނުންވި އަހަރެއް ކަމުގައި ވީ ނަމަވެސް، އެ އެހީ ބޭނުން ވެފައި ތިބި މީހުންނަށް އެކަން ކަށަވަރު ކޮށްދިނުމަށް މުޅި ދުނިޔެ ފެއިލް ވި ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރަމުން ދާ ދުނިޔޭގެ ނަފްސާނީ ބަލީގެ ދުވަހާ ދިމާކޮށް ޑަބްލިއުއެޗްއޯއިން އާންމު ކޮށްފައި ވާ "މެންޓަލް ހެލްތު އެޓްލަސް" އަށް ބަލާއިރު، ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ފެންނަނީ ބަނަކަމާއި އަނދިރިކަމެވެ. ނަފްސާނީ ދުޅަހެޔޮ ކަމަށް ގައުމުތަކުން މަސައްކަތްތަކެއް ކުރި ކަމުގައި ވީ ނަމަވެސް، އެކަމުގެ ނަތީޖާ އަދިވެސް ލިބެން ފަށާފައި ނުވާ ކަން ޑަބްލިއުއެޗްއޯއިން ފާހަގަ ކުރެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މާޔޫސްވެފައިވާ މީހެއް/ފޮޓޯ: ޑެއިލީ ނިއުސް އީޖިޕްޓް

ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ހެޔޮ ނިޔަތެއް އޮތް ކަމުގައި ވީ ނަމަވެސް، އެކަމަށް އެކަށީގެންވާ ގޮތެއްގައި އިންވެސްޓް ކުރަމުން ނުދާ ކަމީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ޑރ ޓެޑްރޯޒް ވިދާޅުވީ، މިއީ ނިދިފައި ތިބި ބަޔަކަށް ހޭލަން ޖެހި ރަނގަބީލެއް ކަމަށާ، މި ރަނގަބީލުގެ އަޑު އަހާ، ނަފްސާނީ ދުޅަހެޔޮ ސިއްހަތުގެ އަމާޒުގައި އިންވެސްޓް ކުރާ މިންވަރު އިތުރު ކުރަން ޖެހޭ ކަމަށެވެ. އެހެނީ، ނަފްސާނީ ދުޅަހެޔޮ ކަމާ، އެހެން އެއްވެސް ކަމެއްގެ ސިއްހަތަށް ދުޅަހެޔޮ ކަން ނެތުން ކަމަށް ޑރ ޓެޑްރޯޒް ވަނީ ސިފަ ކުރައްވާފައެވެ.

ނަފްސާނީ ބަލިތަކާ ބެހޭ ޑަބްލިއުއެޗްއޯގެ ޔުނިޓްގެ އިސްވެރިޔާ ޑރ ޓަރޫން ޑުއާ ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގައި އެންމެ ބޮޑު ބުރުލެއް އެރި ސިއްހީ ހިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ބައްޔާ ގުޅޭ ހިދުމަތްތައް ހިމެނޭ ކަމަށެވެ. ޑަބްލިއުއެޗްއޯގެ ނަފްސާނީ ސިއްހަތާ ބެހޭ ޑިޕާޓްމަންޓްގެ ފަރާތުން ޑރ ފަހްމީ ހަންނާ ވިދާޅުވީ، އުފެއްދުންތެރިކަން ގެއްލި ދިއުމަކީ އެތައް ޓްރިލިއަން ޑޮލަރެއްގެ ގެއްލުމާ ކުރިމަތި ކުރުވާ ކަމެއް ކަމަށާ، އިންވެސްޓް ކުރާ ކޮންމެ ޑޮލަރެއްގެ ބަދަލުގައި 5 ޑޮލަރު ލިބޭ ހިނދު، މި ކަމުގައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

މާޔޫސްވެފައިވާ މީހަކު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފޮޓޯ: ކެރިލިއޮންލިވިންގް

ޑަބްލިއުއެޗްއޯގެ "މެންޓަލް ހެލްތު އެޓްލަސް" އެކުލަވާލާފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 171 ގައުމަކުން އެއްކުރި މައުލޫމާތު މައްޗަށް ބިނާ ކޮށެވެ. 2020 އަހަރަށް ކަނޑައެޅި އަމާޒުތަކަށް ބަލާއިރު، ސަރުކާރު ހިންގުމުގައި ނަފްސާނީ ސިއްހަތުގެ ދާއިރާއިން ބިނާ ކުރަނިވި މަސައްކަތްތަކެއް ކުރުމާ، ނަފްސާނީ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރާ ޖަމާއަތްތައް އުފެއްދުމާ، ނަފްސާނީ ސިއްހަތު މައުލޫމާތު ޕްރޮމޯޓް ކޮށް، އެ ފަދަ ބަލިތައް މަދު ކުރުމަށް މަސައްކަތް ކުރުމާ، މައުލޫމާތު ރައްކާ ކުރުމުގެ ނިޒާމް ހަރުދަނާ ކުރުން ހިމެނެއެވެ. ނަމަވެސް، މި އަމާޒުތައް ހާސިލު ވެފައި ނުވާ ކަން ޑަބްލިއުއެޗްއޯއިން ފާހަގަ ކުރެއެވެ.

މީގެ އިތުރުން ޑަބްލިއުއެޗްއޯގެ 194 މެންބަރު ގައުމުތަކުގެ ތެރެއިން، އެ ގައުމުތަކުގައި ތަންފީޒު ކުރާ ނަފްސާނީ ސިއްހަތުގެ ސިޔާސަތަކީ ނުވަތަ ޕްލޭނަކީ، ބައިނަލްއަގުވާމީ އަދި ސަރަހައްދީ އިންސާނީ ހައްގުތަކުގެ މިންގަނޑުގައި ހިފަހައްޓާލެވޭ ސިޔާސަތު ނުވަތަ ޕްލޭންތަކެއް ކަމަށް ރިޕޯޓް ކޮށްފައި ވަނީ އެންމެ 51 ޕަސެންޓް ގައުމުން ކަންވެސް ފާހަގަ ކުރަން ޖެހެއެވެ. ޑަބްލިއުއެޗްއޯއިން އަމާޒު ހިފާފައި އޮތީ މި އަމާޒު 80 ޕަސެންޓަށް އެރުވުމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މާޔޫސްވެފައިވާ މީހެއް/ފޮޓޯ: ބިޒްނަސް އިންސައިޑާ

2020 ވަނަ އަހަރު ހާސިލުވި ހަމައެކަނި އަމާޒަކީ އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތް 10 ޕަސެންޓް ދަށް ކުރުމެވެ.

ޑަބްލިއުއެޗްއޯއިން ދަނީ ނަފްސާނީ ދުޅަހެޔޮ ސިއްހަތު ކުރިއެރުވުމަށްޓަކާ ޑީސެންޓްރަލައިޒް އުސޫލުން މުޖުތަމައުގެ ބައިވެރިވުން އިތުރު ކޮށްގެން މަސައްކަތް ކުރުމަށް ބާރު އަޅަމުންނެވެ. ނަމަވެސް ސަރުކާރުތަކުން ނަފްސާނީ ބަލީގެ ކަންކަމަށް ކުރި ހޭދައިގެ 70 ޕަސެންޓް ހޭދަ ކޯށްފައި ވަނީ، ނަފްސާނީ ބަލީގެ ހޮސްޕިޓަލްތަކަށް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ފާހަގަ ކުރެއެވެ.

ޑަބްލިއުއެޗްއޯއިން ވަނީ ނަފްސާނީ ދުޅަހެޔޮކަން ހާސިލު ކުރުމަށް، 2030 އަށް އާ އަމާޒުތަކެއް ކަނޑައަޅާފައެވެ.