ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޯ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނަރަލް އިސާލަ ރުވާން ވިރަކޫން ރާއްޖެ ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުގައި ވިރަކޫން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގެ ފޮރިން ސެކްރެޓެރީ އަބްދުލް ޣަފޫރު މުހައްމަދާއި، އެމްބެސެޑާ އެޓް ލާޖް އަދި ސާކްގެ ސެކްރެޓެރީ ޖެނެރަލްކަން ކުރިން ކުރައްވަފައިވާ އަހުމަދު ސަލީމާއި ބައްދަލު ކުރައްވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، އަންނަ ބުދަ ދުވަހައި ހަމައަށް ދެމިގެންދާ މި ދަތުރުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި ވެސް އޭނާ ބައްދަލު ކުރައްވާނެ ކަމަށެވެ.

1985 ވަނަ އަހަރު ސާކް އުފެދިގެން އައި އިރު ރާއްޖޭގެ އޭރުގެ ރައީސް މައުމޫން ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

ވިރަކޫން ސާކްގެ ސެކްރަޓެރީ ޖެނެރަލްގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗް މަހުއެވެ. އޭނާ އަކީ ސްރީލަންކާ ރައްޔިތެކެވެ.