އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިސްވެ ތައްޔާރުކުރާ "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަންގައި މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އަހުމަދު ޒަމީރު ސޮއި ކުރެއްވުން ބަލައިނުގަނެވޭނެ ކަމަށާއި އެ ސޮއި އަނބުރާ ގެންދިއުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން ޒަމީރަށް މިހެން ގޮވާލާ ބަޔާނެއް ނެރެފައި ވަނީ އިދިކޮޅު ކޯލިޝަނުން އިއްޔެ ގެންދިޔަ ހަރަކާތުގައި ޒަމީރު "އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަންގައި ސޮއިކުރެއްވި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެންނެވެ.

ރޭ ނެރުނު ބަޔާނުގައި އެމްޑީޕީން ބުނީ އެ ޕާޓީން ދޭ ޓިކެޓެއްގައި މަގާމަކަށް އިންތިހާބުވެ ހުރެ، ޒަމީރު އިދިކޮޅުގެ ޕެޓިޝަނުގައި ސޮއި ކުރެއްވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ހިލާފު ކަމެއް ކަމަށާއި، އެ ޕާޓީގެ މައްޗަންގޯޅި ދެކުނު ދާއިރާއިން މި އަމަލު ކުއްވެރި ކުރާ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ އެ ޕާޓީގެ ހާރިޖީ ސިޔާސަތަކީ އެހެން ގައުމުތަކާ އެކު އޮންނަ ގުޅުންތައް ވަރުގަދަކޮށް ދެމެހެއްޓުން ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ޒަމާންވީ ހަރުދަނާ ގުޅުންތަކެއް ކަމަށްވެފައި، އިދިކޮޅުން ހިންގާ ކެމްޕޭނަކީ ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހިންގާ "ވިޔާނުދާ" ކެމްޕޭނަކަށް ވާތީ، ޒަމީރު ސޮއި ކުރެއްވުން ބަލައި ނުގަނެވޭނެ ކަމަށެވެ.

ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ ކަންތައްތައް ނުކުރުމަށާއި އެ ސޮއި އަނބުރާ ނެންގެވުމަށް މި ދާއިރާގެ އެމްޑީޕީ މެމްބަރުންގެ ފަރާތުން ކައުންސިލަރު އަހުމަދު ޒަމީރަށް ގޮވާލަމެވެ
އެމްޑީޕީގެ ބަޔާން

"އިންޑިއާ މިލިޓަރީ އައުޓް" ޕެޓިޝަންގައި ޒަމީރު ސޮއިކުރެއްވުމާ ގުޅިގެން، އެ ޕާޓީގެ ބައެއް މެމްބަރުންނާއި ސަޕޯޓަރުންވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް ޒަމީރު ވިދާޅުވީ އޭނާ އެ ޕެޓިޝަންގައި ސޮއި ކުރެއްވީ ސިޔާސީ ވިސްނުމެއްގައި ނޫން ކަމަށާއި، އަމިއްލަ އިސްނެންގެވުމުގެ މަތިން ކަމަށެވެ. އަދި މިއީ އެމްޑީޕީގެ ވިސްނުމާ ހިލާފު ކަމެއްކަން އަންގާ ހިސާބުން، ސޮއި އަނބުރާ ނަންގަވާނެ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން އިންޑިއާގެ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ގޮވާލަމުން ދާއިރު، ސަރުކާރާއި އިންޑިއާ އާ ދެމެދު ވެފައިވާ އުތުރުތިލަފަޅު އެއްބަސްވުމުގެ ތަފްސީލު ހާމަ ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.