އައްޑޫގައި 1،500 އަށް ވުރެ ގިނަ މީހުން މަސްތުވާތަކެތި ބޭނުން ކުރާއިރު އެކި ކުށްތަކަށް އަރައިގަންނަ 12 ގްރޫޕެއް ހަރަކާތްތެރިވަމުން ދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު އައްޑޫއަށް ކުރެއްވި އެއް ދުވަހުގެ ދަތުރުގެ ތެރެއިން، އައްޑޫގެ ބައެއް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫގައި އެކި ކުށްތަކަށް އަރައިގަންނަ 12 ގްރޫޕެއް ހަރަކާތްތެރިވަމުން ދާއިރު، ދޭތެރެއަކުން އެ ގްރޫޕްތަކުގެ ދެމެދުގައި ހިނގާ ކަންތައްތަކުގެ މައްސަލަ ބޮޑު ކަމަށެވެ.

އައްޑޫގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ، ޅަ އުމުރުގެ ކުދިންވެސް މަސްތުވާތަކެތި ބޭނުންކޮށްގެން އެ ތަކެތި ވިއްކުމުގެ މަސައްކަތުގައި އުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން، ސީޕީ ވިދާޅުވީ ތަކުރާރު ކޮށް ގޭބިސީތަކަށް ވަދެ، ދަނޑު ގޮވާމުން ވައްކަން ކުރުމާއި، އެހެނިހެން ކުދި ކުށްތައް ކުރާ 19 ފަރާތެއްވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިއީ ކަންބޮޑުވާ ކަންތައްތަކެއް ކަމަށާއި، މިފަދަ ކުށްތައް ކުރާ ފަރާތްތަކުގެ މައްސަލަ ހައްލުވާނީ ގާނޫނުން އެ ފަރާތްތަކަށް ދޭންޖެހޭ އަދަބު ދެވިގެން ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އައްޑޫގައި ތިބި ފުލުހުންގެ އަދަދު އިތުރު ކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.