ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 345،203 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 392،966 މީހުންނެވެ. އޭގެތެރެއިން 345،203 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެދުވަހު ހަމައެކަނި ވެކްސިން ޖެހީ އަތޮޅުތެރެއިންނެވެ. އެއީ ޖުމްލަ 1159 މީހުންނެވެ. ފުރަތަމަ ޑޯޒް ޖެހި 79 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 1080 މީހެކެވެ.

ކޮވިޑް އަށް މިހާރު ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖަހާފައިވާތީ، އެކަމާ ގުޅިގެން ރަށްރަށަށް ދަތުރު ކުރުމުގައި ލުއިތަކެއް އަންނަނީ ދެމުންނެވެ.

ނަމަވެސް މިހާރު އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 6 މަސް ވެފައިވާ މީހުންގެ ތެރެއިން ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުން ބޫސްޓާއެއް ޖަހަން ނަން ނޯޓު ކުރުމަށް އަންގާފައެވެ.