ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލާދޭޝްގެ ރައުޝާން ޖިއާން މަރުވި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 4.5 މިލިއަން ދައްކަން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

7 އަހަރުގެ ޖިއާން ޑިސެމްބަރު، 16، 2018 ގައި މަރުވީ އޭނާގެ މަންމައާ އެކު މަގުމަތިން ހިނގާފައި ދަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ވަރަށް ބޮޑަށް ޒަހަމްވުމުން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ސިވިލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، 4.5 މިލިއަން ރުފިޔާ ޑަބްލިއު ކޮންސްޓްރަކްޝަނުން ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.

އެ މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ހޯދައިދިނުމަށް އެދި 2019 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

އެ ހުކުމް ޑަބްލިއު ކޮންސްޓްރަކްޝަނުން އިސްތިއުނާފް ކުރުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ، ޖިއާން ނިޔާވީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް، އެ ކުންފުނީގެ ރަސްމީ މަސައްކަތުގެ ތެރެއިން ފަރުވާކުޑަ ކުރުމުގެ ސަބަބުންކަން ޖިނާއީ މިންގަނޑުން ޝރީއަތަށް ސާބިތުވާތީ، އެކަމުގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލައިބިލިޓީގެ ދަށުން ޑަބްލިއު ކޮންސްޓްރަކްޝަން އުފުލަންޖެހޭކަން ސާބިތުވާ ކަމަށެވެ.