ޒަމާނާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއެކު މި ކުޑަކުޑަ ދިވެހިރާއްޖޭން ނުރައްކާތެރި ކެންސަރު ބަލި ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނަމުން ދާއިރު މި ބަލި ޖެހޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މި ބަލީގެ ނުރައްކާތެރިކަން އިންތިހާއަށް އިތުރުވެފައި ވާއިރު ފަރުވާ ލަސްވެއްޖެނަމަ ބައެއް ފަހަރު ބަލިން ފަސޭހަވާނެ ކަމުގެ އުއްމީދު ގެއްލޭ މި ބައްޔަކީ ގައިންގަޔަށް ނޭރި ނަމަވެސް މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެ ބައްޔެއްގެ ސަބަބުން އެންމެ ގިނަ ބަޔަކު ދުނިޔެ ދޫކުރަމުން ދާ އެއްބައްޔެކެވެ.
މި ބައްޔާ ގުޅިގެން ޑޮކްޓަރު އަޒަމް ފާރިޝް ވިދާޅުވީ ކެންސަރު ބަލި ޖެހެނީ ހަށިގަނޑުގައިވާ ސެލްތައް އޭގެ އާންމު އުސޫލާ ހިލާފަށް މާގިނައިން އުފެދެން ފެށުމުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެ ސެލްތައް އިތުރުވެ ޓިއުމަރެއްގެ ސިފައިގައި ބޮޑުވަމުން ގޮސް، އެ ޓިއުމަރުގެ ވަށައިގެންވާ ސިއްހަތު ރަނގަޅު ސެލްތަކާއި، ހަށިގަނޑުގެ އެހެން ގުނަވަންތައް ހަލާކު ކޮށްލާ ކަމަށެވެ.
ޑޮކްޓަރު އަޒަމް ވިދާޅުވީ ކެންސަރުބަލީގެ ގިނަ ވައްތަރުތަކަކީ އެބަލި ޖެހުމަށް ދިމާވާ ސަބަބެއް ހޯދިފައި ނުވާ ވައްތަރުތަކެއް ކަމަށާއި މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގޭގޮތުގައި “ކާސިނޯޖެން” ނަކަމަށް ކިޔާ މާއްދާއެއް ހަށިގަނޑުގެ ތަބީއީ ސެލްތައް، ކެންސަރު ސެލްތަކަކަށް ބަދަލުކުރުމުގައި ވަރަށް ބޮޑު ރޯލެއް ކުޅޭ ކަމަށް ހޯދިފައިވާ ކަމަށެވެ.
ހޯދުންތަކުން އެނގޭގޮތުގައި “ކާސިނޯޖެން” ނަކަމަށް ކިޔާ މާއްދާއެއް ހަށިގަނޑުގެ ތަބީއީ ސެލްތައް، ކެންސަރު ސެލްތަކަކަށް ބަދަލުކުރުމުގައި ވަރަށް ބޮޑު ރޯލެއް ކުޅޭ.
އަދި މިހާތަނަށް ކެންސަރުގެ 200 އަށް ވުރެ ގިނަ ވައްތަރު ދެނެގަނެވިފައި ވާއިރު އެއިން ކޮންމެ ވައްތަރެއްގެ ކެންސަރެއް ދެނެގަނެވުމަށް ފަހު އެއަށް ހާއްސަކޮށް ފަރުވާ ފަށަން ޖެހޭ ކަމަށްވެސް އޭނާ ވިޑލުވެއެވެ.
މި ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ބައްޔަށް މީހުން ހޭލުންތެރި ކުރުވުމަށް ޑޮކްޓަރުންނާއި ކަމުގެ މާހިރުން ދަނީ މަސައްކަތް ކުރަމުންނެވެ. ހަށިގަނޑުގެ އެކިއެކި ގުނަވަންތަކަށް ކެންސަރު ޖެހޭއިރު ހިނގަމުން މިދާ އޮކްޓޯބަރު މަހަކީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމުގެ މަހެވެ.
އުރަމަތީގެ ކެންސަރާ ގުޅިގެން ޑޮކްޓަރު މުހައްމަދް ޝިފާން ވިދާޅުވެފައި ވަނީ އުރަމަތީގެ ކެންސަރު، އުފެދެން ފަށަނީ އުރަމަތީގައި ހިމެނޭ ބައިތަކުގެ އެތެރެ ފަށަލައިގެ ސެލްތައް ވަރަށް އަވަހަށް އިތުރުވެ، ބޮޑުވާން ފެށުމުން ކަމަށެވެ.
މިބައްޔާ ގުޅިގެން މިހާތަނަށް ހޯދާފައިވާ ބައެއް ތަފާސްހިސާބުތައް ވެސް ޑޮކްޓަރު ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ދުނިޔޭގެ ނިސްބަތަށް ބަލާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދިރާސާތަކުން ދައްކާގޮތުގައި 2018 ވަނަ އަހަރު ދުނިޔޭގައި 2.1 މިލިއަން މީހުން ވަނީ އަލަށް އުރަމަތީގެ ކެންސަރަށް ޑައިގްނޯސް ވެފައެވެ. އަދި 627،000 މީހުން ވަނީ މިބަލީގައި މަރުފަވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއީ އަންހެނުންނަށް ޖެހޭ ކެންސަރުން މަރުވާ ޖުމްލަ މީހުންގެ 15 ޕަސެންޓެވެ.
ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރު ދިވެހިންގެ ތެރޭގައި އަލަށް ދެނެގަނެވުނު ކެންސަރު ބަލި މީހުންގެ ތެރޭގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރުގެ ބަލިމީހުންނެވެ. އެއީ 73 މީހުންނެވެ.
ތަފާސް ހިސާބު؛
-
2018 ގައި 73 މީހެއްގެ ގައިން އުރަމަތީ ކެންސަރު ފެނުނު
-
2019 ގައި 52 މީހަކު އޮޕަރޭޝަން ކުރި
-
2020 ގައި 34 މީހެއްގެ ގައިން އުރަމަތީ ކެންސަރު ފެނުނު
އަދި 2019 ވަނަ އަހަރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި 52 މީހަކު ވަނީ އުރަމަތީގެ ކެންސަރަށް އޮޕަރޭޝަން ކޮށް އިތުރު ފަރުވާ ހޯދަން ފަށާފައެވެ. މީގެ އިތުރުން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 34 މީހަކު ވަނީ އަލަށް މި ބަލި ހުރި ކަމަށް ދެނެގަނެވި ފަރުވާ ފަށާފައެވެ.
އުރަމަތީގެ ކެންސަރު ޖެހުމުން ފެންނާނެ އާންމު އަލާމާތަކީ އުރަމަތިން އަލަށް ފާހަގަކުރެވޭ ދުޅައެއް ނޫނީ ގަނޑެކެވެ. ތަދުނުވާ ހަރު، ގަނޑު ކޮޅެކެވެ. މިސަބަބަށްޓަކާ އަލަށް ގަނޑުކޮޅެއް ފެނިއްޖަނަމަ ޑޮކްޓަރަކަށް ދެއްކުމަކީ މުހިންމު ކަމެކެވެ. ބަލި ޖެހުމުން މި ނޫނަސް އިތުރު، އެހެނިހެން އަލާމާތް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު އެފަދަ ކަންކަން ދެނެގަތުމަކީ މުހިއްމު ކަމެކެވެ.
މިބާވަތުގެ ކެންސަރަކީ ބަލީގެ ކުރީކޮޅުގައި ފެނިއްޖެނަމަ އެއްކޮށް ޝިފާލިބޭ ބައްޔެކެވެ. އަދި ބަލި ފެތުރުމަށް ފަހުވެސް، ފަރުވާއަށް އައިސްފައިވާ ބަދަލާ އެކު، ބަލި އިތުރުވިޔަ ނުދީ، އެހެނިހެން ދާއިމީ ބައްޔެކޭ އެއްފަދައިން ފަރުވާކުރެވޭ ބައްޔެކެވެ.
ކުދިންނަށް އުރަމަތީގެ ކެންސަރު ޖެހޭތަ؟