މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަކީ ވަކި މީހެއްގެ ފަރާތުން އެނބުރޭ ޕާޓީއަކަށް ނުވާނެ ކަމަށް، އެ ޕާޓީން ބުނެފިއެވެ.

ގިޔާސުއްދީން ސްކޫލުގެ ހޯލްގައި މިއަދު އެ ޕާޓީ އުފެއްދުމުގެ ބައްދަލުވުމުގެ ދެވަނަ ދަންފަޅީގައި ވާޙަކަ ދައްކަވަމުން އެ ޕާޓީގެ މެދު ދެކުނު ސަރަހައްދުގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް ވިދާޅުވީ ސިޔާސީ މައިދާނުގައި މިއަދު ހަރަކާތްތެރިވާ ގިނަ ޕާޓީތަކަކީ ކޮންމެވެސް މީހެއްގެ ފަރާތުން އެނބުރޭ ޕާޓީތަކެއް ކަމަށާއި، އެ ޕާޓީތަކުން އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށެވެ.

"އެހެންކަމުން އެ ޕާޓީތަކުން އިސްކުރެވެނީ ގައުމީ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު. ގައުމީ ކަންކަން އިސްކޮށް ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށް، ރައްޔިތުން ބާރުވެރި ކުރުވުމުގެ ބަދަލުގައި އުޅެވެނީ ތިމާއާއި ތިމާ ވަށައިގެން އުޅޭ ބަޔަކު ރުއްސުމަށް." ރިޔާޒް ވިދާޅުވިއެވެ.

މިއަދު ގައުމު ބޭނުންވަނީ ގައުމުގެ މަސްލަހަތު އިސްކޮށް، އަންނަން އޮތް ޖީލުތަކަށް މަސައްކަތް ކުރާނެ ބައެއް ކަމަށާއި، ގައުމުގެ ދިފާއުގައި އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވީ އެމްއެންޕީން އިސްކުރާނީ ގައުމު ކަމަށާއި، އެގޮތުން ގައުމިއްޔަތު ކުރިއެރުވުމަށާއި ގައުމީ ވަހުދަތު ދިރުވުމަށް އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށެވެ.

އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވާޙަކަ ދައްކަވަނީ -- ފޮޓޯ: ދަ ޕްރެސް

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ އެ ޕާޓީން ރައްޔިތުންނަށް ފަސޭހަ ކޮށްދީ، ރާއްޖޭގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށާއި، މިނިވަން މުއައްސަސާތައް މިނިވަންކޮށް، ރައްޔިތުންނަށް މިހާރު ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ލުއިފަސޭހަ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

އެމްއެންޕީގެ އަސާސީ ބައްދަލުވުން ގިޔާސުއްދީން ސްކޫލުގެ ހޯލުގައި ކުރިއަށް ދަނީ --- ފޮޓޯ: އެމްއެންޕީ

އެމްއެންޕީން މިއަދު ބޭއްވި ބައްދަލުވުން ދެ ދަންފަޅިއަކަށް ބަހާލިއިރު، ފުރަތަމަ ދަންފަޅީގައި ކުރިއަށް ދިޔައީ އެ ޕާޓީގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމާއި، ޕާޓީގެ އަސާސީ ގަވާއިދާއި، ދިދައިގެ އިތުރުން، ލޯގޯ ފާސްކުރުމެވެ.

އެމްއެންޕީގެ މަގާމުތަކަށް އިންތިހާބުވި ބޭފުޅުން

  • ނައިބު ރައީސް (މަތި އުތުރު): ޝިދާތާ ޝަރީފް
  • އަންހެން ވިންގުގެ ލީޑަރު: ދުންޔާ މައުމޫން
  • ނައިބު ރައީސް (އަންހެން): މިރުފަތު އިސްމާއީލް ޝަފީގް
  • ޒުވާނުންގެ ވިންގުގެ ލީޑަރު: އުމެއިރު އަހުމަދު
  • ކައުންސިލް މެމްބަރުން: އަސްރާ އަހްމަދު، މުހައްމަދު މަނިކު، މުހައްމަދު ހާނިމް، ހުސައިން ފަޔާޒް، އިބްރާހީމް ޝަބާހު، އަހްމަދު ރިޔާޒް، އަހްމަދު ސާލިމް ސައީދު، މުހައްމަދު ނިޒާމް، އަހްމަދު އަމްޖަދު، އިބްރާހީމް މުހައްމަދު، އަބްދުﷲ ޝުހޫދު، އަޝްރަފް މުހައްމަދު އަލީ، އަލީ އަބްދުލްލަތީފް
  • ކައުންސިލް މެމްބަރުން (އަންހެން): އައިމިނަތު ޝާއިދާ، އައިމިނަތު އަޒީމާ، އިފާ ޝަރީފް، އައިޝަތު ޝައްމާ، ސިޔާމާ އަލީ، ފާތިމަތު ނާޒީން، ފާތިމަތު ރިފާއު

އެމްއެންޕީގެ ބާކީ ހުރި މަގާމުތަކަށް ވާދަ ކުރެއްވީ މަގާމަކަށް އެއް ބޭފުޅަކު ކަމަށްވާތީ، އެ މަގާމުތަކަށް އެ ބޭފުޅުން ވަނީ އޮޓޯއިން ހޮވިފައެވެ. އެ ބޭފުޅުންނަކީ:

  • މުހައްމަދު ނާޒިމް (ޕާޓީގެ ރައީސް)
  • އަބްދުﷲ ރިޔާޒު (މެދު ދެކުނު ސަރަހައްދުގެ ނައިބު ރައީސް)
  • އަހުމަދު އުޝާމް (މެދު ސަރަހައްދުގެ ނައިބު ރައީސް)
  • އަހުމަދު ޝަރީފް (ދެކުނު ސަރަހައްދުގެ ނައިބު ރައީސް)
  • ހުސައިން އިސްމާއީލް (އުތުރު ސަރަހައްދުގެ ނައިބު ރައީސް)