މިހާރު ކުރިއަށްދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ބައްދަލުވުމުގައި، އެ ޕާޓީ ހިންގާ އަސާސީ ގަވާއިދު ފާސްކޮށްފިއެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބާއްވާ އެމްއެންޕީގެ ބައްދަލުވުމުގެ ފުރަތަމަ ދަންފަޅީގައި ކުރިއަށް ދާނީ އެ ޕާޓީގެ ލޯގޯ އާއި އަސާސީ ގަވާއިދާއި ޕާޓީގެ ދިދަ ފާސްކުރުމުގެ އިތުރުން، މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމެވެ.

300 އަށް ވުރެ ގިނަ މެމްބަރުން މި ބައްދަލުވުމުގައި ބައިވެރިވާއިރު، އެ ޕާޓީގެ އަސާސީ ގަވާއިދު ފާސްވީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 302 މެމްބަރުންގެ ވޯޓުންނެވެ. 301 މެމްބަރުންގެ ވޯޓާއެކު އެ ޕާޓީގެ ލޯގޯ ފާސްކުރިއިރު، ދިދަ ފާސްކުރީ 306 މެންބަރުންގެ ވޯޓުންނެވެ.

އެ ޕާޓީގެ އިންތިހާބު ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ވަގުތީ ކޮމިޓީއެއް ވަނީ އިންތިހާބު ކޮށްފައެވެ. އަދި އެމްއެންޕީގެ މަގާމުތަކަށް މެންބަރުން ހޮވަން ފަށާފައިވާއިރު، އިންތިހާބު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މިއީ ސިޔާސީ ޕާޓީއަކުން މިފަދަ ބައްދަލުވުމެއްގައި އޮންލައިންކޮށް ވޯޓުލުން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

އެމްއެންޕީގެ އިސް ބައެއް މަގާމުތަކަށް ވާދަކުރީ އެންމެ މެންބަރަކަށް ވާތީ، އެ މެންބަރުން ވަނީ އޮޓޯ އިން ހޮވިފައެވެ. އެގޮތުން އެ ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ ހަތަރު މަގާމަށް ވާދަކުރެއްވި މެންބަރުން ވަނީ އެ މަގާމަށް އިންތިހާބު ވެފައެވެ. އެހެންވެ މިހާރު ކުރިއަށް ދަނީ ބާކީ ހުރި މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމެވެ. އެ މަގާމުތަކަކީ:

  • ނައިބު ރައީސް (އިދާރީ)
  • ނައިބު ރައީސް (މަތި އުތުރު ސަރަހައްދު)
  • އަންހެނުންގެ ވިންގުގެ ލީޑަރު
  • ޒުވާނުންގެ ވިންގުގެ ލީޑަރު
  • ކައުންސިލް މެމްބަރުން - 14
  • އަންހެން ކައުންސިލް މެމްބަރުން - 7

އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.