ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން ފޯރުކޮށްދިނުމުގައި ގެއްލިފައިވާ އިންސާފު ގާއިމުކޮށް، ދުނިޔޭގެ ހުރިހާ ހިސާބަކަށް އިންސާފުން ވެކްސިން ފޯރުކޮށްދިނުމަށްޓަކާ 8 ބިލިއަން ޑޮލަރުގެ ފަންޑެއް ބޭނުން ވާ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވައިފިއެވެ.
އިންސާފުން ވެކްސިން ފޯރުކޮށްދިނުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 5 މިލިއަނަށް ވުރެ ގިނަ މީހުންގެ ފުރާނަ ދުއްވާލި ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ ގައުމަކަށް މަގު ތަނަވަސް ކޮށްދިނުމަށް އޮތް ގޮތް ކަންވެސް އދއިން ފާހަގަ ކުރެއެވެ.
ވެކްސިނާ ބެހޭ ބައިނަލްއަގުވާމީ އާ އިސްތިރާޖު ތައާރަފު ކުރުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށް ގެންދިޔަ އިވެންޓެއްގައި ވާހަކަދައްކަވަމުން ގުޓެރޭޒް ވިދާޅުވީ، ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލދިއުމަކީ ނުރައްކާ ކަމެއް ކަމަށާ، މިކަމަކީ އިތުރު އާ ވޭރިއަންޓްތަކާ، މަރުގެ އިތުރު ކޭސްތަކަކަށް މަގަފަހި ކޮށްފާނެ ކަމެއް ކަމަށެވެ.
ދުނިޔޭގައި އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ-20) ގެ މި މަހު ފަހުކޮޅު ބައްދަލު ކުރުމަށް ހަމަޖެހިފައި ވާއިރު، މުޅި ދުނިޔެއަށް ވެކްސިން ފޯރުކޮށްދިނުމަށް އެ ގައުމުތަކުން ފާޅުކޮށްފައި ވާ ޝައުގުވެރިކަމަށް އަމަލީ ސިފަ ގެނައުމަށް، އެ ގައުމުތަކުގެ ލީޑަރުންނަށްވެސް ގުޓެރޭޒް ވަނީ ގޮވާލައްވާފައެވެ.
ޑަބްލިއުއެޗްއޯއިން ތައާރަފު ކުރި ވެކްސިނާ ބެހޭ އާ އިސްތިރާޖުގައި އަމާޒު ހިފާފައި ވަނީ، މިހިނގާ 2021 ވަނަ އަހަރު ނިމޭއިރު، ހުރިހާ ގައުމެއްގެ އާބާދީގެ 40 ޕަސެންޓަށް ކޮވިޑް ވެކްސިން ފުރިހަމަ ކޮށްދިނުމަށެވެ. އަދި 2022 ވަނަ އަހަރުގެ މެދަކާ ހިސާބަށް އަންނައިރު، މި އަދަދު 70 ޕަސެންޓަށް އިތުރު ކުރުމަށެވެ. ޑަބްލިއުއެޗްއޯއިން ހިފި އުއްމީދީ ވެކްސިން އަމާޒުގެ މިންގަނޑު ދަށް ކޮށްފައި ވާ މި ދަނޑިވަޅަކީ، ތަނަވަސްކަން ލިބިފައިވާ ގައުމުތަކުން، ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވާ ދަނޑިވަޅެކެވެ.
ޑަބްލިއުއެޗްއޯގެ ރެކޯޑްތަކަށް ބަލާއިރު މިހާތަނަށް 6.4 ބިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖަހާފައި ވާއިރު، ދުނިޔޭގެ އާބަދީގެ ގާތްގަނޑަކަށް 3 ބައިކުޅަ 1 މީހުން ވަނީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައެވެ. ނަމަވެސް، މިހާތަނަށް ޖަހާފައި ވާ ވެކްސިން ޑޯޒްތަކުގެ 4 ބައިކުޅަ 3 ބައި ހާ ޑޯޒް ބޭނުން ކޮށްފައި ވަނީ މަތީ އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުން ކަމަށްވެސް ސިއްހަތާ ބެހޭ އދގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.