ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންތަކުގެ ތެރެއިން ރާއްޖެއަށް ލިބިފައިވާ ބައެއް، އަވަށްޓެރި ބަންގްލަދޭޝް އާއި ނޭޕާލަށް ސަރުކާރުން ހަދިޔާ ކޮށްފިއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ދާކާ ޓްރިބިއުން" ގައިވާ ގޮތުން، ސަރުކާރުން ވަނީ ބަންގްލަދޭޝް އަށް އެސްޓްރާޒެނެކާގެ ދެ ލައްކަ ޑޯޒް ހަދިޔާ ކޮށްފައެވެ. އަދި ދެލައްކަ ޑޯޒްގެ ޝިޕްމަންޓް މާދަމާ އެގައުމަށް ލިބޭނެ ކަމަށްވެސް އެ ނޫހުގައި ވެއެވެ.

އެގޮތުން ރާއްޖެއިން ބަންގްލަދޭޝަށް ވަނީ އެސްޓްރާޒެނެކާގެ 201،600 ޑޯޒް ހަދިޔާ ކޮށްފައެވެ.

ވެކްސިން ހަދިޔާ ކުރުމާ ގުޅޭ އެއްބަސްވުމުގައި އިއްޔެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަން ވަނީ ސޮއި ކުރައްވާފައެވެ.

މިކަމާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ބަންގްލަދޭޝް އާއި ނޭޕާލް، މިއިން ކޮންމެ ގައުމަކަށް އެސްޓްރާޒެނެކާގެ ދެ ލައްކަ ޑޯޒް ހަދިޔާކޮށްފައި ވާނެ ކަމަށެވެ. އަދި މި ނިންމުން ނިންމަވާފައިވަނީ "ރެސްޕޮންސިބަލް ގްލޯބަލް ޕާޓްނަރެއްގެ ގޮތުން" ކޮވިޑުން އަރައިގަތުމަށްޓަކައި އެހެން ގައުމުތަކަށްވެސް އެހީ ވުމުގެ ގޮތުން ކަމަށެވެ.

އެކި ގައުމުތަކުން ރާއްޖެއަށް ވެކްސިން ޑޯޒްތައް ހަދިޔާ ކުރިއިރު، ރާއްޖެއަށް ވަނީ ގިނަ އަދަދެއްގެ ވެކްސިން ޑޯޒް ލިބިފައެވެ. އަދި އާބާދީގެ ބޮޑު ބައެއްވެސް ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. މީގެ ކުރިން އެޗްޕީއޭއިން ބުނީ ބައެއް ވެކްސިންތަކުގެ މުއްދަތު ހަމަވާން ކައިރިވެފައި ވާތީ އޭގެ ކުރިން ވެކްސިންތައް ބޭނުންކުރެވޭނެ ގޮތެއް ހޯދަމުން އަންނަ ކަމަށެވެ.