މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމް ކުޅޭ ހުރިހާ މެޗެއް، އުސްފަސްގަނޑުގައި ތިބެގެން، އެ ސަރަހައްދުގައި ހުންނަ ސްޓެލްކޯ މާޓީވީން އާންމުންނަށް ވަގުތުން ބަލާލެވޭނެ ގޮތް، ސްޓެލްކޯ އިން ހަމަޖައްސައިފިއެވެ.

އެކުންފުނިން ބުނީ ސްޓެލްކޯ މާޓީވީން ގައުމީ ޓީމުގެ މެޗުތައް ދައްކަން ނިންމާފައިވަނީ އާންމުންގެ މެދުގައި ގައުމީ ރޫހު އާލާކޮށް، ގިނަ ބަޔަކަށް އެއްތާކު ތިބެގެން މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

މިފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސް، ގައުމީ އުފަލުގައި ބައިވެރިވެ، އާންމުންނަށް ފަސޭހަ ކޮށްދިނުމަކީ އެކުންފުނީގެ އަބަދުވެސް އަމާޒު ކަމަށާއި، އެކުންފުނިން މި ތިބީ ގައުމީ ޓީމާ އެކުގައި ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 16 ގެ ނިޔަލަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، ގައުމީ ޓީމް ކުޅުނު ފުރަތަމަ މެޗުން ވަނީ ނޭޕާލް އަތުން 1-0 އިން ބަލިވެފައެވެ.

މިރޭ ގައުމީ ޓީމް ބަންގްލަދޭޝް އާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގެ ޓިކެޓުތައް ވަނީ ވިކި ހުސްވެފައެވެ.