އަމިއްލަ ދިފާއުގައި ބަސް ބުނެ، ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެ، ޕޮލިސް ބޯޑުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ހަތް އޮފިސަރެއްގެ ތެރެއިން ފަސް އޮފިސަރެއްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރު ޖެނެރަލް މަރިޔަމް ނިހާޔަތުގެ ދިވެހި ޗޭމްބާޒް ލޯ ފާމުންނެވެ. އެ މައްސަލާގައި ދިވެހި ޗޭމްބާޒް އިން ތަމްސީލުކުރައްވަނީ:

  • އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  • އެސިސްޓަންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  • ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް އާދަމް
  • ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާވޫދު
  • ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

މިކަމާ ގުޅިގެން ދިވެހި ޗޭމްބާޒް އިން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ވަކިކުރަން ނިންމި އެ ފަސް އޮފިސަރުންނަށް އަމިއްލަ ދިފާއުގައި ބަސް ބުނެ، ޖަވާބުދާރީ ވުމަށް ފުރުސަތެއް ނުދޭ ކަމަށާއި، އެހެންވެ އެ އޮފިސަރުންގެ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ވަނީ ސިވިލް ކޯޓަށް ވައްދާފައި ކަމަށާއި، އެ މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައިވާ ކަމަށްވެސް އެ ލޯފާމުން ބުންޏެވެ. އަދި އެ މައްސަލަ ނިމެންދެން އެ ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަށް އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާނެ ކަމަށްވެސް ބުންޏެވެ.

ފުލުހުންގެ އާ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓުން ފެށިގެން މަތީ ރޭންކުތަކުގެ ފުލުހުންނަކީ މަސައްކަތަށް ގާބިލު ބައެއްތޯ ބަލާނެއެވެ. އެއާއެކު އެ ބޯޑުން ވަނީ ހަތް ފުލުހުން ވަޒީފާއިން ވަކިކުރަން ޕޮލިސް ކޮމިޝަނަރަށް ލަފާ ދެއްވާފައެވެ.