ދުނިޔޭގައި ގިނިހިލައަކުން ޖެހި، ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ވުމަށް ކުރެވިދާނެ ކަންތައްތައް ދިރާސާ ކުރުމުގެ ތެރެއިން، ދުނިޔެއާ ކައިރިން ދަތުރު ކުރާ ގިނިހިލައެއްގެ ހަނދަށް ގެއްލުން ދިނުމަށް އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ނިންމައިފިއެވެ.

އެގޮތުން ނާސާއިން ދަނީ ޑިޑީމޯސްގެ ނަން ދީފައިވާ ގިނިހިލައިގެ ވަށައިގެން ދައުރު ކުރަމުންދާ ކުޑަ ހަނދެއް ކަމަށްވާ ޑިމޯފޯސްގައި، ޖައްވީ އުޅަނދެއް، ގަސްތުގައި ޖައްސައިގެން އެ ހަނދަށް ގެއްލުންދީ، އެ ސަރަހައްދުގައި ކަން ހިނގާ ދާ ގޮތް ބެލުމަށް މަސައްކަތް ކުރަމުންނެވެ.

ނާސާގެ ޑަބަލް އެސްޓެރޮއިޑް ރީޑިރެކްޝަން ޓެސްޓް މިޝަން (ޑާޓް) އުދުއްސާލަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި މިޝަންގައި ނާސާއިން ބޭޏުން ކުރަނީ ސްޕޭސް އެކްސް ކުންފުނީގެ "ފެލްކަން 9" ރޮކެޓް ކަމަށް ހަބަރު ލިބެއެވެ.

ގިނިހިލައާއި އެ ގިނިހިލައިގެ ހަނދު، ދުނިޔެއާއި ގާތްގަނޑަކަށް 11 މިލިއަން ކިލޯމީޓަރު ސަރަހައްދަކަށް ކައިރި ވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ގިނި ހިލައިގެ ހަނދުގައި ޖައްވީ އުޅަނދު ޖައްސައިގެން އެ ހަނދުގެ ހިނގުމަށް 1 ޕަސެންޓްގެ ބަދަލެއް އަންނާނެ ކަމަށް ލަފާ ކުރާއިރު، ދައުރު ވުމަށް ހޭދަ ވާ މުއްދަތަށް 7 މިނެޓްގެ ބަދަލެއް ގެނުވާނެ ކަމަށްވެސް ނާސާއިން ލަފާ ކުރެއެވެ.

މިއީ ދުނިޔެއާ ދިމާއަށް ދަތުރު ކުރާ ނުރައްކާތެރި ގިނިހިލަތަކުގެ މިސްރާބު ބަދަލު ކޮށްލުމަށް ނާށާއިން ކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަޅު ކަމަށް ނާސާ ހެޑްކުއާޓަރުން ބުނެއެވެ.