މިމަހުގެ ދެވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން މާލެ ދަތުރުކުރި "އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ" ބޯޓުގައި ތިބި ނުވަ ފަޅުވެރިން އެހެން ބޯޓަކަށް ބަދަލު ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މޭވާ އާއި ތަރުކާރީ ހިފައިގެން މާލެ އަށް ދަތުރުކުރާ މި ބޯޓު ޅ. އަތޮޅުގެ އިރުން 130 ނޯޓިކަލް މޭލު ބޭރުން އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި ކޯސްޓުގާޑުން ވަނީ ހަރަކާތްތެރި ވެފައެވެ.
އެ ހާދިސާއާއި ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޝަހީދު އަލީ އުޅަނދު އެ ސަރަހައްދަށް ހެނދުނުގެ ވަގުތެއްގައި ފޯރާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި އޭރު އެމްއެންޑީއެފުން ބުންޏެވެ.
މި ބޯޓުގައިވާ ނުވަ ފަލުވެރިން ވަނީ މިހާރު "އެމްސީޕީ ސޭލްޒްބާގް" ނަމަކަށް ކިޔާ ބޯޓަކަށް ބަދަލު ކުރެވިފައި ކަމަށާ، ލަންކާ އިން މާލެ އަންނަން ހަމަޖެހިފައިވާ މި ބޯޓަށް މާލޭ ސަރަހައްދަށް އާދެވޭނީ މިރޭ 11:45 ހާއިރު ކަމަށް އެމްއެންޑީއެފުން ލަފާ ކުރެއެވެ
އިއްޔެ ފަސް މީހުންނާ އެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުން ދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް ވަނީ ޅ. އަލިގާގެ ހުޅަނގުން ހަތަރު މޭލު ބޭރުން އަޑިއަށް ގޮސްފައެވެ.