ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ ނެޓްވޯކްގެ ގޮތުގައި ސިފަކުރަމުން އަންނަ ފޭސްބުކް (އެފްބީ) އަކީ ކުޑަކުދިންނަށް ހުރި ނުރައްކަލެއް ކަމަށާ، އެ ޕްލެޓްފޯމަކީ ބައިބައިވުން އުފައްދާ، ޑިމޮކްރަސީ ބަލިކަށިކޮށްލާ ނެޓްވޯކެއް ކަމަށް، ފޭސްބުކްގެ ގިނަ ސިއްރުތަކެއް، ވިސަލްބްލޯވަރެއްގެ ގޮތުގައި ހާމަކޮށްދިން އެ ކުންފުނީގެ ކުރީގެ މުވައްޒަފު، ފްރާންސެސް ހޯގެން ބުނެފިއެވެ.

އެފްބީ ކުންފުނީގެ ޕްރޮޑަކްޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށްފަހު އެ ކުންފުނީގެ ސިއްރުތަކެއް، ބައިނަލްއަގުވާމީ މުޖުތަމައަށް ތިލަކޮށްދިން ހޯގެން މި މޭރުމުން ވާހަކަދައްކާފައި ވަނީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ކުރިމަތީގައި ހެކި ބަސް ދެމުންނެވެ.

ފޭސްބުކްގެ ކަންކަން މިހާރަށް ވުރެ ރަނގަޅަށް ވިލަރެސް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގޮވާލާ ގޮވާލުންތަކުގެ އަޑު އިންތިހާއަށް ގަދަވެފައި ވާ މި ދަނޑިވަޅުގައި، ފޭސްބުކްގެ ބާނީ، މާކް ޒަކަބާގް ވަނީ، އެކުންފުންޏާ ބެހޭ ގޮތުން މިހާރު ކުރަހަމުން ދާ ތަސްވީރަކީ، ހަގީގަތެއް އެކުލެވިގެން ނުވާ ތަސްވީރެއް ކަމަށް ބުނެ، ދިފާއަށް ކުޅެފައެވެ.

ފޭސްބުކްއަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އެންމެ މަގުބޫލު ސޯޝަލް ނެޓްވޯކްގެ ގޮތުގައި ސިފަކުރަމުން އަންނަ ޕްލެޓްފޯމެކެވެ. އެ ކުންފުނިން ބުނާ ގޮތުގައި ކޮންމެ މަހަކުވެސް އެ ކުންފުނީގެ އެކްޓިވް ޔުޒާ އެކައުންޓްސްގެ އަދަދު، 2.7 ބިލިއަނަށް އަރައެވެ. މީގެ އިތުރުންވެސް އެތައް ސަތޭކަ މިލިއަން މީހުންނެއް ދަނީ، ފޭސްބުކް އިންކްގެ އިތުރު ހިދުމަތްތައް ކަމަށް ވާ، މެސެޖިންގް އެޕް، ވަޓްސްއެޕް އަދި ފޮޓޯ އެޕް، އިންސްޓަގްރާމް ބޭނުން ކުރަމުން ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ހޯގެން މެދުވެރިކޮށް ލިބިފައި ވާ ލިޔެކިއުންތަކުގެ މައްޗަށް ބިނާކޮށް، އެމެރިކާގެ ދުވަހު ނޫހެއް ކަމަށްވާ ވޯލް ސްޓްރީޓްއިން ދަނީ ލިޔުންތަކެއް ޝާއިއު ކުރަމުންނެވެ. އެގޮތުން، އާންމު ކުރި އެއް ލިޔުމެއްގައި، ފޭސްބުކްގެ ސަބަބުން، އަންހެން ކުދިންގެ ނަފްސާނީ ސިއްހަތަށް ނޭދެވޭ އަސަރު ފޯރުން އެކަށީގެން ވާ ކަމަށް ވަނީ ދައްކާފައެވެ. މިކަމާ ބެހޭ ގޮތުން ގާނޫނު ހަދާ މަޖިލީހުގައި ހެކިބަސް ދެމުން ހޯގެން ބުނީ، މިފަދަ މައްސަލަތަކަށް ފޭސްބުކްއިން ހައްލު ހޯދާ ނުދޭނެ ކަމަށާ، އެ ކުންފުންޏަކީ އިންސާނުންގެ މައްޗަށް، މާލީ މަންފާ އިސްކުރާ ކުންފުންޏެއް ކަމަށެވެ.

މި މޭރުމުން ހޯގެން ވަނީ ޒަކަބާގަށްވެސް ބޮޑެތި ފާޑުކިއުންތަކެއް އަމާޒު ކޮށްފައެވެ. އެގޮތުން، ޒަކަބާގްގެ މުށު ތެރޭގައި ބޮޑު ކޮންޓްރޯލެއް އޮންނަ ކަމަށާ، މިހާރު ކަންތައް އޮތް ގޮތުން، ހުދު އޭނާ ފިޔަވާ، ޒަކަބާގް ޖަވާބު ދާރީ ކުރެވޭ ދެވަނަ މީހަކު ނެތް ކަމަށްވެސް ހޯގެން ވަނީ ބުނެފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވެރިކަން ޑިމޮކްރަޓިކް ޕާޓީގެ މެންބަރުންނާއި އިދިކޮޅު ރިޕަބްލިކަންސް ޕާޓީގެ ސެނެޓަރުންވެސް ވަނީ، ފޭސްބުކް ކުންފުންޏަށް ބަދަލުތަކެއް ބޭނުން ވާ ކަމަށް އެއްބަސްވެވަޑައިގެންފައެވެ.