ވޯކް ޕާމިޓް ނުވަތަ ވިސާ ނެތް ބިދޭސީންނަށް އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ މެޗްތައް ބަލަން ގަލޮޅު ދަނޑަށް ނުވަދެވޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމް އިން މިއަދު ޓިކެޓްވެސް ވިއްކަން ފެށި ފަހުން ކުރި ޕޯސްޓެއްގައި ބުނީ، ދިވެހިންނަށް ވިއްކާ ޓިކެޓުގައި އެހެން ގައުމެއްގެ ރައްޔިތަކަށް ފުޓްބޯޅަ މެޗު ބަލަން ނުވަދެވޭނެ ކަމަށެވެ. އަދި ބިދޭސީން ފުޓްބޯޅަ މެޗު ބަލަން ވަންނަ ކަމަށް ވާ ނަމަ ވިސާ ނުވަތަ ވޯކް ޕާމިޓް ދައްކަން ޖެހޭނެ ކަމަށެވެ.

އެފްއޭއެމް އިން ކުރި މި ޕޯސްޓުގައި ލިޔެފައި ވަނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން އަދި ބަންގާޅު ބަހުންނެވެ. އަދި އެ ޕޯސްޓުގައި ބަންގާޅު ޓީމުގެ ފޮޓޯ ޖަހާފައި ވާތީ އެއީ ސީދާ ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް އަމާޒުކޮށް ޖަހާފައިވާ ލިޔުމެއް ކަމަށް ބެލެވެއެވެ.

ރާއްޖޭގައި މަސައްކަތް ކުރަން އައިސް އުޅޭ ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް އިން ރާއްޖެއަށް އައިސް އުޅޭ ބިދޭސީންނެވެ. މީގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީންތަކެއް ހިމެނޭ ކަމަށް އިކޮމޮނިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ޕްރޮގްރާމަކުން ވަނީ ފާހަގަ ވެފައެވެ. އަދި ބިދޭސީން ރެގިއުލޭޓް ކުރުމަށް އޭރު އިކޮނޮމިކް މިނިސްޓްރީން މަސައްކަތް ފަށައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ގައުމަށް ފޮނުވާ ވެސް ލާފައެވެ.

ޓިކެޓް ވިއްކަން ފެށި ތަނާ ހެން ބިދޭސީންނަށް ދޫކުރާ ޓިކެޓްތައް ހުސްވެފައި ވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބެއެވެ.