ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަސްލަމަށް، ޖިންސީ ފުރައްސާރަ އަކަށް ވާ ފަދަ އަމަލެއް ކުރެއްވި ކަމަށް ބުނެ މައްސަލަަ ބަލައިދޭން އެދި ހުށަހަޅާފިއެވެ.

އެނގިފައިވާ ގޮތުގައި، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން އަސްލަމަށް ރުޅިވެރިކަން ދެއްކުމުގެ ގޮތުން މެންބަރު ނާޒިލް ވަނީ އޭނާގެ ޖިންސީ ގުނަވަނެއް ދައްކާ "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވެފައެވެ.

ނާޒިލް ކަންތައް ކުރެއްވި ގޮތުގެ މައްސަލަ ބަލައިދޭން އެދިވަޑައިގެން ސެކްރެޓޭރިއަޓަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން)އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން ހިނގީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނާޒިލް ވޯޓް ފޮއްޓެއް ކައިރީ، ޝައްކުވާ ގޮތަކަށް އުޅުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އަސްލަމް ފޮނުއްވުމުންނެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މެމްބަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި މެންބަރުން ހުށަހަޅުއްވާ މައްސަލަތައް އޮންނަ އުސޫލުން ކުރިއަށްދާނެ ކަމަށް ޒިޔާއު ވަނީ ވިދާޅުވެފައެވެ.