18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން ވީއައިޕީން އެންމެ ގިނަ ދަތުރު ކުރެއްވި މެންބަރުންގެ މައުލޫމާތު ހޯދަން ނިންމައިފިއެވެ.

އެ މައުލޫމާތު ހޯދަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރަށްޓެހިންނަށް ވީއައިޕީ ލައުންޖު ހުޅުވާލަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުން މުރާޖައާ ކުރުމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އެދިވަޑައިގެންފައި ވާތީ، އިއްޔެ މަޖިލީހުގެ އާންމު ކޮމިޓީގައި މެންބަރަކު އެ މައުލޫމާތުތައް ހޯދަން އެދިވަޑައިގަތުމުންނެވެ.

އެގޮތުން މެންބަރުންގެ ދަތުރުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ ކޯޑަށް އިތުރު ބުރައެއްވާ ގޮތަށް ހުޅުވާލައިފި ނަމަ ހޭދަ އަންދާޒާ ކުރަން ވެސް ދަތި ކަމަށާ، އޭގެ އަސަރު މެންބަރުންގެ ރަސްމީ ދަތުރުތަކާއި ތަމްރީންތަކަށް އަދި ކޮމިޓީތަކުގެ ދަތުރުތަކަށް ވެސް ކުރާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއެވެ.

އޭގެ އިތުރުން މެމްބަރަކު އެދިވަޑައިގެންފި ނަމަ އެކުގައި ދަތުރުކުރާ ފަރާތަކަށް 60 ޑޮލަރުގެ މަގުން ވީއައިޕީގެ ހިދުމަތް ހަމަޖައްސައި ދެމުން އަންނަ ކަމަށް ވެސް ސިޓީގައި ވެއެވެ.

މެންބަރުންގެ ދަތުރުތަކުގެ ތަފްސީލު ހޯދަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.

ޝާހިދު އެދިވަޑައިގެންނެވީ ނިމިގެން ދިޔަ މަޖިލީހުގެ މެމްބަރުންނާއި މިހާރުގެ މަޖިލީސް މެމްބަރުންގެ ތެރެއިން ވީއައިޕީގެ ހިދުމަތް އެންމެ ގިނައިން ބޭނުން ކުރެއްވި 10 މެމްބަރުންގެ މައުލޫމާތު ހޯދުމަށެވެ. އަދި އެ ފަރާތްތަކާއެކު ވީއައިޕީގެ ހިދުމަތް ބޭނުން ކުރި މީހުންގެ އަދަދާއި އެކަމަށް މަޖިލީހުން ކުރި ހަރަދުގެ ތަފްސީލު ހޯދުމަށެވެ.

ޝާހިދުގެ ހުށަހެޅުމާ ގުޅިގެން އާންމު ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ މެންބަރު އެދިވަޑައިގަތް މައުލޫމާތު ހޯއްދަވާ ގޮތެއް ނިންމަވާނެ ކަމަށެވެ.

މެމްބަރުންނާ އެކު ދަތުރުކުރާ ރައްޓެހިންގެ ވީއައިޕީ ހިދުމަތަށް ވެސް މަޖިލީހުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އާއްމު ކޮމިޓީން ނިންމީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.