ޖަނަރޭޓަރުތައް އެސެމްބްލް ކުރުމާއި، ޖަނަރޭޓަރުތަކަށް ސާވިސް ކުރުމާއި ސާފު ކުރުން ފަދަ ގިނަ ހިދުމަތްތަކާ އެކު، ސްޓެލްކޯގެ ވޯކްޝޮޕް (ސްޓެވޯ) ރޭ ހުޅުވައިފިއެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ވޯކްޝޮޕް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި އެކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދެވެ

ހުޅުމާލެއަށް އަރާތާ ކައިރީގައި ހުންނަ އެ ވޯކްޝޮޕުން ކަސްޓަމަރުން ބޭނުން ގޮތަކަށް ޖަނަރޭޓަރު ސެޓުތައް ހަދާލެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އޭގެ އިތުރުން ސްޓެލްކޯ އިން ވަނީ އެ ވޯކްޝޮޕްގައި ތިން މޮޑިއުލެއް ތައާރަފް ކޮށްފައެވެ. އެ މޮޑިއުލްތަކަކީ:

  • އެސްޓީޑަބްލިޔު 300
  • އެސްޓީޑަބްލިޔު 600
  • އެސްޓީޑަބްލިޔު 800

ރޭ ހުޅުވި އެ ވޯކްޝޮޕުން ދޭ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި އަގުބޮޑު މެޝިނަރީތައް ސާފުކުރުމަށް ދޭ ހިދުމަތުގެ ގޮތުން އަލްޓްރާސޮނިކް ކްލީނިންގެ ހިދުމަތް ހިމެނެއެވެ.

ވޯކްޝޮޕް ހުޅުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯ އެމްޑީ މުޣުނީ ޕްރެޒެންޓޭޝަނެއް ދެއްވަނީ --- ފޮޓޯ: ސްޓެލްކޯ

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސްޓެލްކޯގައި ގާބިލް މުވައްޒަފުން އެބަ ތިބި ކަމަށާއި، ރޭ ހުޅުވިގެން ދިޔަ ވޯކްޝޮޕްގެ ސަބަބުން ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ސިންދަފާތު ކުރުން މުހިންމުކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ ސްޓެލްކޯއަކީ ރާއްޖޭން ބޭރު ގައުމުތަކުގައިވެސް މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ސްޓެވޯގައި އެސެމްބްލް ކުރި ފުރަތަމަ ޖަނަރޭޓަރު ސެޓް އެސެމްބްލް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުންވެސް ދީފައިވެއެވެ.