ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާ ނުލައި ލައިސަންސް ދިނުމަށް ހަމަޖެހިފައިވާ 27 ގައުމެއް އެ މިނިސްޓްރީއިން އާންމުކޮށްފިއެވެ.
ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އަށް ގެނެވުނު 4 ވަނަ އިސްލާހުގެ 33 ވަނަ މާއްދާގެ (ނ) މި މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް މީހުންނަށް، އެ ލައިސަންސް އޮތްހާ ހިނދަކު، މި ގާނޫނުގެ ދަށުން އިތުރު ލައިސަންސެއް ހޯދުމަކާ ނުލައި، (90) ނުވަދިހަ ދުވަހަށް ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވިދާނެއެވެ.
އެ މިނިސްޓްރީން ވަނީ އެ ގާނޫނުގެ ދަށުން އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ލިސްޓެއް އެކުލަވާލާ ފުރަތަމަ އާންމު ކުރީ 25 ގައުމެއްގެ ނަން ހިމަނާފައެވެ.
އެއީ އަފްގާނިސްތާން އާއި ބޫޓާން އާއި އިންޑިޔާ އާއި ނޭޕާލް އާއި ޕާކިސްތާން އާއި ސްރީލަންކާ އާއި ބުރުނައީ އާއި ކެމްބޯޑިއާ އާއި އިންޑޮނީޝިއާ އާއި ލާއޯސް އާއި މެލޭޝިއާ އާއި މިޔަންމާ އާއި ފިލިޕީންސް އާއި ސިންގަޕޫރާއި ތައިލެންޑް އާއި ވިއެޓްނާމް އާއި ޖަޕާން އާއި ޔުނައިޓެޑް ކިންގްޑޮމް އާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ޗައިނާ އާއި ޔުނައިޓެޑް އެރެބް އެމިރެޓްސް އާއި ސްވިޓްޒާލެންޑް އާއި ސައުދީ އަރަބިޔާ އާއި ބެލްޖިއަމް އާއި ޖަރުމަނީއެވެ.
ނަމަވެސް އޭގެ ފަހުން ރާއްޖޭގައި އޮތް ބިދޭސީ މަސައްކަތު ފޯސްގައި އެންމެ ބޮޑު ދައުރެއް އޮތް ބަންގްލަދޭޝްގެ ނަން ހިމަނާ ދެވަނަ ފަހަރަށް ލިސްޓް އާންމުކުރިއެވެ. ރޭ އާންމުކުރި ލިސްޓަށް 27 ވަނަ ގައުމެއްގެ ގޮތުގައި އިތުރުކޮށްފައިވަނީ ގަތަރެވެ.
ބިދޭސީ ލައިސަންސް ދޫކުރާ އިރު އެ ފަރާތުން ހުށަހަޅާ އެ ގައުމުގެ ލައިސަންސްގެ ސައްހަކަން ކަށަވަރު ކުރާނެ ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ. އެ ގޮތުން އެކަން ކުރާނީ އޮންލައިންކޮށް ކަމަށާއި އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުކުރެވޭ ލައިސަންސްގެ ސައްހަކަން ކަށަވަރުކުރަން އެމްބަސީގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ޓްރާންސްޕޯޓުން ބުނެއެވެ.
މީގެ އިތުރުން މި ލިސްޓްގައި ނުހިމެނޭ ގައުމުތަކުގެ ލައިސަންސަށް ބިނާކޮށް ދިވެހި ލައިސަންސް ހައްދާނަމަ ހަމަ އެކަނި ތިޔަރީ އިމްތިހާނެއް ފުރިހަމަ ކުރުމުން ފުދޭނެ ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.