ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ބުދަ ދުވަހު އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ 4 ދުވަހުގެ ރަސްމީ ދަތުރުގައި، ރައީސް ސޯލިހާ ވެސް ޝާހިދު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރަސްމީ ދަތުރުގައި ޝާހިދު ރާއްޖޭގައި މަޑުކުރައްވާއިރު، މިއީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ މަގާމާ އޭނާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރު ވެސް މެއެވެ.

ރައީސް ސޯލިހު ޝާހިދަށް މި ދައުވަތު ދެއްވީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާ އަށް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެން އުޅުއްވަމުން އެތާ ހުންނަ އދ ގެ މައި މަރުކަޒުގައި ޝާހިދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އދގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާ ބޭފުޅަކު، އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، އެންމެ ފުރަތަމަ އެ ބޭފުޅެއްގެ އަމިއްލަ ގައުމަށް ޒިޔާރަތް ކުރެއްވުމަކީ ޒަމާނުއްސުރެ އޮންނަ އާދައެކެވެ. ނަމަވެސް އެކަމަށްޓަކާ، އެ ގައުމަކުން ރަސްމީ ދައުވަތެއް ދޭން ޖެހޭ ކަމަށް ވެއެވެ.