ކޮވިޑް ކޭސްއާ ގުޅިގެން މޮނިޓަރިން އަށް ލީ ކ. ގާފަރު 45 ދުވަސް ފަހުން މިއަދު މޮނިޓަރިން ހާލަތުން ނަގައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ގާފަރުގެ މޮނިޓަރިން ހާލަތު އުވާލާފައި ވަނީ ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގަޓިވް ވުމާ ގުޅިގެން މިއަދު ކަމަށެވެ.

އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ އެރަށަކީ ފަތުރުވެރިން އަންނަ ރަށަކަށް ވުމުން މިދިޔަ އޮގަސްޓު 16 ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލް ތަކުގެ ތެރެއިން 2 ސާމްޕަލް ޕޮޒިޓިވް ވުމާ ގުޅިގެން މިދިޔަ އޮގަސްޓު 20ގައެވެ.

މިއަދު ވަނީ އިތުރު 3 ރަށެށްގެ ވެސް މޮނިޓަރިން އުވާލާފައެވެ. އެއީ ގއ.ވިލިގިލި ، ގއ.ކޮލަމާފުށި އަދި އދ. މަހިބަދޫއެވެ.

މި ވަގުތު މޮނިޓަރިންގެ ހާލަތުގަައި 15 ރަށް އެބައޮތެވެ.

އެންމެ ފަހުން މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ހޮނިހިރު ދުވަހު ލ.ފޮނަދޫ، މ.ވޭވަށް އަދި ދ. މާއެނބޫދޫއެވެ. މިދިޔަ މަހު މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ ތެރެއިން މިވަގުތު މޮނިޓަރިންގައި އޮތީ 8 ރަށެކެވެ. އެއީ އދ. އޮމަދޫ، ނ. ވެލިދޫ، ސ. ހުޅުމީދޫ، ގއ. ގެމަނަފުށި، ގއ. މާމެންދޫ، ތ. ދިޔަމިގިއްޔާއި ށ. މާއުނގޫދޫ އަދި ފ. ނިލަންދުއެވެ.

މި ލިސްޓުގައި ދެން އޮތް 4 ރަށް މޮނިޓަރިން އަށް ލާފައި ވަނީ މިދިޔަ އޮގަސްޓް މަހުއެވެ. އެއީ ސ. ހިތަދުއާއި، ސ. މަރަދުއާއި، ސ. މަރަދޫފޭދޫ އަދި ސ. ފޭދޫއެވެ