މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުން ދޫކޮށްލުމާ ގުޅޭ ގޮތުން ގޮތެއް ނިންމުން މާދަމާ އޮންނަ އަޑުއެހުމަށް ފަސްކޮށްފިއެވެ.

ޔާމީންގެ މައްޗަށް ނޮވެމްބަރު 29، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން، ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ފަސް މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައެވެ. މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ ކޯތުން އެ މައްސަލަ ބަލައިގަތީ މިދިޔަ އޭޕްރިލް މަހުގެ 19 ގައެވެ.

މި މައްސަލަ އިސްތިއުނާފު ކުރުމަށް ފަހު، ޔާމީންގެ ދިފާއީ ވަކީލުން ވަނީ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް، ޔާމީން ދޫކޮށްލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއަދު ޔާމީންގެ ބަންދާ ގުޅޭ ގޮތުން ކުރިން ގޮތެއް ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް، ހުލާސާ ގޮތެއްްގައި ވާހަކަ ދެއްކުމަށް ދައުލަތާއި ޔާމީނަށް ގިނަ ވަގުތު ބޭނުންވާތީ އެކަމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި، މާދަމާގެ ވަގުތަކަށް އެ އަޑުއެހުން ތާވަލު ކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލުމާ މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށާއި، ދިފާއުން ހުށަހެޅި ހެކިތައް ބަލައިގަތުމާ މެދުވެސް ގޮތެއް ނިންމާނެ ކަމަށާއި، ދެ ފަރާތުންވެސް ހުލާސާ ގޮތެއްގައި ވާހަކަ ދައްކަން ފުރުސަތު ދޭނެ ކަމަށް މަހާޒް ވިދާޅުވިއެވެ.

ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަމުން ގެންދަވަނީ ޑރ. އަޒްމިރާލްދާ ޒާހިރާއި، ޑރ. މުހައްމަދު އިބްރާހީމްގެ އިތުރުން، މަހާޒް އަލީ ޒާހިރު ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ބެންޗުންނެވެ.

މި މައްސަލައިގެ އިތުރުން އިތުރު ދައުވާތަކެއް ވެސް ޔާމީނުގެ މައްޗަށް ދައުލަތުން ކޮށްފައި ވެއެވެ. އެގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ކޮށްފައެވެ. މި ދައުވާތަކަށް ޔާމީން އިންކާރު ކުރައްވައެވެ.