މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގަ އެންމެ އިސްކޮށް ހަރަކާތްތެރިވި ތިން ބޭފުޅުން ކަމަށްވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި، ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމްގެ އިތުރުން، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، އެ ޕާޓީގެ އިސް މަގާމުތަކަށް، އެއްވެސް އިންތިހާބަކާ ނުލައި ހޮވިއްޖެއެވެ.

ނާޒިމާއި ރިޔާޒު އަދި އުޝާމްގެ އިތުރުން، އިތުރު ދެ ބޭފުޅަކުވެސް ވަނީ އިންތިހާބަކާ ނުލައި މަގާމުތަކަށް ހޮވިފައެވެ. އެހެންކަމުން ޕާޓީގެ ރައީސާއި، ހަ ނައިބު ރައީސުންގެ ތެރެއިން ހަތަރު ނައިބު ރައީސެއް ވެސް ވަނީ މަގާމަށް އިންތިހާބު ވެފައެވެ.

އިންތިހާބަކާ ނުލައި މަގާމުތަކަށް ހޮވުނު ފަރާތްތައް؛

  • މުހައްމަދު ނާޒިމް (ޕާޓީގެ ރައީސް)
  • އަބްދުﷲ ރިޔާޒު (މެދު ދެކުނު ސަރަހައްދުގެ ނައިބު ރައީސް)
  • އަހުމަދު އުޝާމް (މެދު ސަރަހައްދުގެ ނައިބު ރައީސް)
  • އަހުމަދު ޝަރީފް (ދެކުނު ސަރަހައްދުގެ ނައިބު ރައީސް)
  • ހުސައިން އިސްމާއީލް (އުތުރު ސަރަހައްދުގެ ނައިބު ރައީސް)

ނަމަވެސް، ބާކީ މަގާމުތަކުގެ އިންތިހާބު އަންނަ ހުކުރު ދުވަހުގެރޭ އޮންނަ އެ ޕާޓީ އުފެއްދުމުގެ ޖަލްސާގައި ބާއްވާނެއެވެ. އެހެންކަމުން، އެ ޖަލްސާގައި 25 މަގާމަކަށް މީހުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުކުރު ދުވަހު އިންތިހާބު ކުރާ މަގާމުތައް؛

  • ނައިބު ރައީސް (އިދާރީ)
  • ނައިބު ރައީސް (މަތި އުތުރު ސަރަހައްދު)
  • އަންހެނުންގެ ވިންގުގެ ލީޑަރު
  • ޒުވާނުންގެ ވިންގުގެ ލީޑަރު
  • ކައުންސިލް މެމްބަރުން - 14
  • އަންހެން ކައުންސިލް މެމްބަރުން - 7

މިދިޔަ އަންގާރަ ދުވަހު އެމްއެންޕީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީއަށް ދީފައެވެ. ހަމަ އެދުވަހު އެ ޕާޓީން ވަނީ އެ ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހުޅުވާލާފައެވެ.