ހއ. އިހަވަންދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ހާބަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށް، އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ އިހަވަންދޫގެ ބަނދަރުގެ 66 ޕަސެންޓު މަސައްކަތް ވަނީ ނިމިފައި ކަމަށާ، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހުގެ ޝިޕްމަންޓް މިދިޔަ ހޮނިހިރުގަ ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންދެވިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ހާބަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން، އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ފަދަ މަސައްކަތްތައް ކުރާނެއެވެ.

އެމްޓީސީސީން ބުނީ ޕްލޭނިން މިނިސްޓްރީން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 62.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.