ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި އެފަދަ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާތައް އުފުލާފައިވާ ޏ. ފުވައްމުލައް، މާދަނޑު، ކަރިއްޔާވިލާ، މުހައްމަދު އަމީނުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

ހައިކޯޓުން މި ދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އަމީން ދޫކޮށްލުމަށް އަމުރު ކުރީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާ ކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށް، ދައުވާ ކުރިއަށް ގެންދިއުމަށް އަމުރުކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހަކު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރިޔަސް، އެ މީހެއްގެ މައްޗަށް ދައުވާ ކުރުމުގައި ހިނގާނީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތުގެ ކަމަށެވެ. އަދި ޓެރަރިޒަމްގެ ތުހުމަތުގައިވާ މީހުން ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރެވޭނެ ކަމަށް ގާނޫނުގައި އޮތީ ހަމައެކަނި ބަންދާ ގުޅޭ ކަންކަމުގައި އެކަނި ކަމަށާއި އަދި ދައުވާ ކުރުމުގެ މުއްދަތަށް ޖިނާއީ އިޖްރައާތުގެ ގާނޫނު ނުހިނގާނެ ކަމަށް އެ ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެެވެ. އަދި އަމީނަށް ކުރި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށާއި ކްރިމިނަލް ކޯޓުގައި އެ މައްސަލަ ގޮސްފައި އޮތް ހިސާބުން ފެށިގެން އެ މައްސަލަަ ކުރިއަށް ގެންދަން އަމުރުކުރާ ކަމަށް އެ ހުކުމުގައިވެއެވެ.

އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރިއިރު އެ މައްސަލާގެ ޝަރީއަތް ނިމެންދެން، އަމީނަކީ ކުށްވެރިއެއް ކަން ދޭހަވާ ގޮތަށް އެއްވެސް މައުލޫމާތެއް އާންމު ނުކުރަން ދާދިފަހުން ސުޕްރީމް ކޯޓުން އަމުރެއް ވެސް ނެރުނެވެ. އެގޮތަށް އަމުރު ނެރުނީ އަމީންގެ ފޮޓޯއެއް އެޑިޓް ކުރުމަށްފަހު މީޑިއާއަކުން އާންމު ކުރުމުންނެވެ.

އަމީނަކީ އައިއެސް ޖަމާއަތާއި ގުޅިގެން، ދިވެހިން އަފްޣާނިސްތާނުގެ ހުރާސާނަށް ދިވެހިން ފޮނުވި މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. އަދި އަމީނަކީ ރާއްޖޭގައި އައިއެސްގެ ލީޑަރު ކަމަށް ބުނެ، އަމީނާއި ދެކޮޅަށް، އޭނާ އަކީ ކާކުކަން ބަޔާންކޮށް، އަދި އެމެރިކާގެ ކަމާބެހޭ ފަރާތެއްގެ ރިޕޯޓުތަކަކާއި ސިއްރު ލިޔުންތަކެއް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ނަމަވެސް، އޭނާ އެ ތުހުމަތުތަކަށް ވަނީ އިންކާރު ކޮށްފައެވެ.

މީގެ ކުރިންވެސް އަމީން ހައްޔަރު ކޮށްފައި ވާއިރު އެ ފަހަރު އޭނާ ހައްޔަރުކުރީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރަން އުޅުމުން ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅުމުގެ ތެރޭގައި ލަންކާއިންނެވެ. ނަމަވެސް ދެމަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ގައި އޭނާ ދޫކޮށްލީއެވެ.