ހިއުމަން ރައިޓްސް ކޮމިޝަންގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުގަ މިއަދު ބޭއްވި ރަސްމިއްޔާތުގަ އެޗްއާރުސީއެމްގެ މަގާމަށް ރައީސް އައްޔަނު ކުރެއްވީ ގދ. ތިނަދޫ، އަސޭގެ ސަމާއު އަހުމަދު ނަޖީބެވެ. ރައީސް ވަނީ ސަމާއު އެ މަގާމަށް އައްޔަނު ކުރެއްވި ލިއުން ހަވާލު ކުރައްވާފައެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނު ކުރެއްވުމުގެ ކުރިން ސަމާއު ވަނީ 2015 ވަނަ އަހަރުން ފެށިގެން، އެޓާނީ ޖެނެރަލްގެ އޮފީހުގަ ސްޓޭޓް އެޓާނީ ކަމާއި ސީނިއާ ސްޓޭޓް އެޓާނީ ކަމުގެ މަގާމް ފުރުއްވާފައެވެ. އަދި 2010 އާއި 2011 އާ ދެމެދު، އިންޑިއާގައި ހުންނަ ދިވެހި އެމްބަސީގަ އެޓޭޗެއްގެ މަގާމުވެސް ފުރުއްވާފައި ވެއެވެ. މީގެ އިތުރުން، އޭނާ އަކީ އދ ގެ ޔޫންސީއޭސީއަށް ރާއްޖެއިން ކަނޑައަޅާފައިވާ މާހިރުންގެ ޓީމުގެ މެމްބަރެކެވެ.

އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން ހިއުމަން ރައިޓްސް ލޯ އިން މާސްޓާސް ހާސިލް ކުރެއްވި ސަމާއު ވަނީ އިންސާނީ ހައްގުތަކާ ބެހޭ ވޯކްޝޮޕްގަ ބައިވެރިވެ ވަޑައިގެންފައެވެ.

ސަމާއު އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނު ކުރެއްވުމުގެ އިތުރުން، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު ވަނީ މިއަދު އައްޔަނު ކުރައްވާފައެވެ.