މުޅި ދުނިޔޭގެ ކޮންޓްރޯލަށް ކަޅިއަޅަމުން އަންނަ ޗައިނާއިން، ޓައިވާންގެ ދިފާއީ ޒޯންގައި، އަސްކަރީ މަތިންދާބޯޓުގެ 39 ޖެޓެއް އުދުއްސާފައި ވާ ކަމަށް ޓައިވާނުން ބުނެފިއެވެ.

ޓައިވާންގެ ދިފާއީ ވުޒާރާއިން ބުނީ، މި ޖެޓްތައް، ވައިގެ ދިފާއީ ޒޯން ތެރެއަށް ވަދެގެންފައި ވަނީ، ހޮނިހިރު ދުވަހު، 2 ފަހަރެއްގެ މަތިން ކަމަށެވެ.

ޓައިވާނުން މިފަދަ ރިޕޯޓެއް ކޮށްފައި ވާއިރު، ހުކުރު ދުވަހުވެސް ޗައިނާގެ 38 ޖެޓެއް، ޓައިވާންގެ ދިފާއީ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެގެންފައި ވެއެވެ.

ޗައިނާއިން ގަބޫލު ކުރޭ ގޮތުގައި ޓައިވާނަކީ، އެ ގައުމުގެ މައި ބިމުމުން ވަކިވެގަނެގެން އުޅޭ، އެހެން ނަމަވެސް އެ ގައުމުގެ ޕްރޮވިންސްއެކެވެ. ނަމަވެސް ޓައިވާނުން ގަބޫލު ކުރާ ގޮތުގައި، އެމީހުންނީ، އިސްތިގުލާލީ ދައުލަތެކެވެ.

ޓައިވާން ސަރަހައްދުގައި ޗައިނާއިން ގަވައިދާ ހިލާފަށް ވައިގެ އަސްކަރީ ހަރަކާތްތައް ހިންގާ ކަމުގެ ޝަކުވާ، ޓައިވާނުން ކުރަމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ހޮނިހިރު ދުވަހުގެ އަމަލީ، ޗައިނާއިން މިހާތަނަށް ހިންގި މިފަދަ އެންމެ ބޮޑު ހަރަކާތް ކަމަށް މައުލޫމާތު ލިބެއެވެ.

ޓައިވާންގެ ބޮޑުވަޒީރު ސޫ ސެންގް-ޗޭންގެ ވަނީ، ޗައިނާއިން ސަރަހައްދީ ސުލްހަ ނަގާލާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޗައިނާގެ އެންމެ ފަހުގެ އަސްކަރީ ހަރަކާތާ ގުޅިގެން ސީދާ ގޮތުން ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، މިފަދަ ފްލައިޓްތައް އެޅުމުގެ ބޭނުމަކީ އިސްތިގުލާލު ދެމެހެއްޓުން ކަމަށް ޗައިނާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ވައިގެ ދިފާއީ ޒޯންއަކީ، ގައުމަކަށް ލިބިފައިވާ ސަރަހައްދީ އިމުން ބޭރުގައި އޮންނަ ސަރަހައްދެކެވެ. ނަމަވެސް ގައުމީ ސަލާމަތުގެ ބޭނުމަށްޓަކާ، އެ ސަރަހައްދަށް ވަދެ ނިކުމެވާ ބޭރުގެ ވައިގެ އުޅަނދުތައް މޮނިޓާ ކޮށް، ކޮންޓްރޯލް ކުރުމުގެ ބާރު، އެގައުމަކަށް އޮންނަ ސަރަހައްދެކެވެ. މި ސަރަހައްދަކީ، ގައުމަކުން އަމިއްލައަށް ކަނޑައަޅާ ސަރަހައްދަކަށް ވާއިރު، މި ސަރަހައްދަކީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުގެ ގޮތުގައި ގުނާ ސަރަހައްދެކެވެ.

ޗައިނާއާއި ޓައިވާން ބައިކުރެވުނީ 1940ގެ އަހަރުތަކުގައި ކުރިއަށް ދިޔަ ދާހިލީ ހަނގުރާމައިގެ ތެރޭގައެވެ. ނަމަވެސް ޗައިނާގެ ސަރުކާރުން ވަނީ، ނަގަން ޖެހިއްޖެ ހިނދެއްގައި، ޓައިވާންގެ ފުރިހަމަ ކޮންޓްރޯލް، ޗައިނާގެ މައި ސަރުކާރުގެ މުށުތެރެއަށް ގެންނާނެ ކަމަށް ބުނެފައެވެ.

ޓައިވާންގައި އަމިއްލަ ގާނޫނު އަސާސީއެއް އޮންނަ އިރު، ވެރިކަން ޑިމޮކްރަޓިކް އުސޫލުން އިންތިހާބު ކުރާ ބައެކެވެ. އަދި އަސްކަރިއްޔާގައި ހަރަކާތްތެރިވާ 300000 އެއްހާ ސިފައިން ތިބެއެވެ. ގައުމެއްގެ ގޮތުގައި ޓައިވާން ބަލައިގަންނަނީ މަދު ގައުމަކުންނެވެ. ގިނަ ގައުމުތަކުން ބަލައިގަންނަނީ ޗައިނާގެ ސަރުކާރެވެ. ޓައިވާންއާއި އެމެރިކާއާ ދެމެދު ރަސްމީ ސިފައެއްގައި ގުޅުން ގާއިމު ކޮށްފައި ނުވި ނަމަވެސް، ދިފާއަށްޓަކާ ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ލާޒިމު ކުރާ ގާނޫނެއް ތަންފީޒު ކުރެއެވެ.