ހަރުކަށި ފިކުރާއި ޓެރަރިޒަމް ނައްތާލުމަށްޓަކައި އެކަމަށް އަހުލުވެރި ކުރުވުމަށް އިންޓަނޭޝަނަލް ޕްރޮގްރާމެއް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މިއަދު ފަށައިފިއެވެ.

ތިން ދުވަހުގެ ނިޔަލަށް އެންސީޓީސީން ސައޫދީ އަރަބިއްޔާގެ ނާއިފް އަރަބި ޔުނިވާސިޓީ އާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން، ދީނީ އިލްމުވެރިންނާއި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ސީއެސްއޯ ތަކަށްވެސް މި ޕްރޮގްރާމް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާ މުހާތަބު ކުރައްވާ، އެންސީޓީސީގެ ޑިރެކްޓަ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ކުރިއަށް ހުރި ޖީލުތައް ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާ ކުރަނީ މުދައްރިސުންނާއި އާއިލާތަކުން ކަމަށެވެ. އެއާއެކު ޒަކަރިއްޔާ ވިދާޅުވީ ކުދިންގެ ނުރަނގަޅު ކަންތައްތައް ދެނެގަންނަނީ މުދައްރިސުންނާއި އާއިލާތަކުން ކަން ފާހަގަ ކުރައްވައި، އެ ކުދިން ގޯސް މަގަކުން ދާއިރު، އެކަން ހުއްޓުވަންވެސް ތިބޭނީ ހަމަ އެމީހުން ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކައިގައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވަނީ ޒުވާނުން ގާނޫނާއި ގަވާއިދުތަކަށް އަދި އިންސާނީ ހައްގުތަކުގެ އިތުރުން އަނިޔާ އާއި ދެކޮޅަށް އަހުލުވެރި ކުރުވުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލާފައެވެ.

މި ޕްރޮގްރާމްގެ ދަށުން ދެ ވޯކްޝޮޕެއް ހިންގާނެ ކަމަށް އެންސީޓިސީން ބުންޏެވެ. މިގޮތުން އެއް ވޯކްޝޮޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދީނީ އިލްމުވެރިންނަށާއި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. ދެވަނަ ވޯކްޝޮޕް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ސީއެސްއޯ ތަކަށް އަމާޒު ކޮށްގެންނެވެ.