ހައުކަށި ފިކުރު ހުއްޓުވުމަށްޓަކައި ޔޫއެންޑީޕީ މޯލްޑިވްސް އާއި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު ގުޅިގެން "ހައި-ލެވެލް ފޯރަމް އޮން ސޯޝަލް ރެޒިލިއެންސް އިން ދި މޯލްޑިވްސް" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ 4 ދުވަހުގެ މުއްދަތަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށް ގެންދެވުނު "ސްޓޭކްހޯލްޑާ ރައުންޑް ޓޭބަލް އޮން ބިލްޑިން ސޯޝަލް ރެޒިލިއެންސް އިން ދަ މޯލްޑިވްސް" ގައި ފާހަގަ ކުރެވުނު ކަންތައްތައް ހުށަހަޅައި، މުސްތަގުބަލުގައި މި ދާއިރާގައި މަސައްކަތް ކުރާ މުއައްސަސާތަކެއްގެ މަސައްކަތްތައް ރާވާ ބައްޓަން ކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވުނު ބައްދަލުވުމެކެވެ.

އަދި ހައްދުފަހަނައަޅާ ދިއުމާއި ހަރުކަށި ފިކުރު ހުއްޓުވުމަށް ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތައް އެއް މޭޒެއްގެ ދަށަށް ގެނެސް މިހާރު ކުރެވޭ މަސައްކަތްތަކާއި، ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަތުމާއި، މި މަސައްކަތުގައި ހުރިހާ އެންމެން ގުޅިގެން ކުރެވިދާނެ ކަންކަން ފާހަގަކޮށް، ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިން އެންޑް ކައުންޓަރިން ވަޔަލަންޓް އެކްސްޓްރީމިޒަމްގައި ވާ ކަންކަން ހާސިލް ކުރުމަށް މަގު ޗާޓެއް އެކުލަވާލުމަށް މި ބައްދަލުވުމުގައި މަސައްކަތް ކުރެވުނެވެ.

ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) ގެ ޑައިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، އެކްޝަން ޕްލޭނެއް ކާމިޔާބު ވާނީ މި ކަމުގައި ޝާމިލްމާ އެންމެންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށެވެ.

މި ބައްދަލުވުން ޝަރަފުވެރިކޮށް ދެއްވަމުން، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސާ ފާތުމަތު އަފްޝާން ލަތީފް ވިދާޅުވީ، ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ ބައިނަލްއަގްވާމީ މައްސަލައެއް ކަމަށާއި، މިކަމަށް ދިވެހިރާއްޖޭގެ މާހައުލާއި ގުޅޭ ގޮތަށް ހައްލުތައް ހޯދައި މުޖުތަމައުގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށެވެ.

މި ބައްދަލުވުންތަކުގައި ސަރުކާރުގެ 17 އިދާރާއަކުންނާއި 2 މަދަނީ ޖަމިއްޔާއިން 23 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.