ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މޭޖާ ޖެނެރަލް ރިޓަޔާޑް ވައިސް ވަހީދު އައްޔަންކުރައްވައިފިއެވެ.

އެންސީޓީސީގެ ޑިރެކްޓާ ޖެނަރަލްގެ މަގާމަށް ވައިސް އައްޔަންކުރައްވާފައި ވަނީ އެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް ޒަކަރިއްޔާ މަންސޫރުގެ ބަދަލުގައެވެ. ސިފައިންގެ ހިދުމަތުން ޒަކަރިއްޔާ ރިޓަޔަކުރެއްވީ 37 އަހަރަށް ފަހު ޑިސެމްބަރު 9، 2021 ގައެވެ.

އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒަކަރިއްޔާ އެ މަގާމުން ދުރުކޮށްފައި ވަނީ އާ ސަރުކާރު ވެރިކަމަށް އައުމާއެކު މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.

34 އަހަރުގެ އަސްކަރީ ހިދުމަތަށް ފަހު ވައިސް އެމްއެންޑީއެފްއިން ރިޓަޔާ ކުރައްވާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ވައިސް އެމްއެންޑީއެފްއިން ރިޓަޔާކުރެއްވިއިރު ހުންނެވީ އެމްއެންޑީއެފް މެރިން ކޯގެ ކޮމަޑާންޓްކަމާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ ކޮމާންޑިން އޮފިސަރުކަމާއި، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ކޮމާންޑިން އޮފިސަރުކަމުގެ އިތުރުން ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) ގެ ޗެއާމަންގެ މަގާމުގައެވެ.

އެންސީޓީސީ އަކީ ޓެރަރިޒަމްގެ މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު، އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.