ޓެެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ރީ-އިންޓަގްރޭޝަން ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގަވައިދެއް ހަދައިފިއެވެ.
އިއްޔެ ގެޒެޓު ކުރި އެ ގަވާއިދުގައިވާ ގޮތުން ރިހެބިލިޓޭޝަން ޕްރޮގްރާމުތަކާއި ރީ-އިންޓެގްރޭޝަން ޕްރޮގްރާމުތައް އެކުލަވާލަން ޖެހެނީ ރިހެބިލިޓޭޝަން އެންޑް ރީ-އިންޓެގްރޭޝަން ކޮމިޓީންނެވެ.
މި ކޮމިޓީ ހިންގާނީ ހޯމް މިނިސްޓްރީން ކަމަށާއި ޕްރޮގްރާމްތައް ހިންގާނީ އެމީހުން ބަންދުކޮށްފައި ތިބި ތަނެއްގައި ކަމަށް ގަވައިދުގައި ބުނެއެވެ.
ރިހެބިލިޓޭޝަން އަދި ރީ-އިންޓެގްރޭޝަން ޕްރޮގްރާމުތައް ހިންގާނެ މީހުން:
- ހަނގުރާމަ އިން އައުމުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ބަންދުކުރާ ބޮޑެތި މީހުން
- ހަނގުރާމަ އިން އައުމުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ބަންދުކުރާ ކުޑަކުދިން
- ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރިކަމުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
- މޮނިޓާކުރުމަށް މޮނިކޮން އަމުރު ނެރެފައިވާ މީހުން
- ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރިކަން ސާބިތުވެގެން ބަންދުކުރާ މީހުން
މި ޕްރޮގްރާމްތައް ހިންގަން ޖެހެނީ ގިންތި ކޮށްގެންނެވެ. އެގޮތުން ހަރުކަށި ފިކުރާއި، އެ ފިކުރުގެ އަމަލުތަކުން ދުރުކުރުމުގެ މަރުހަލާގައި ވަކި ޕްރޮގްރާމްތަކެއް ހިންގަން ޖެހެއެވެ.
ހަރުކަށި ފިކުރުގެ ސަބަބުން އެމީހުންނަށް ލިބިފައިވާ ނަފްސާނީ ގެއްލުމަށް ފަރުވާ ދިނުމަށް ވަކި މަރުހަލާއެއްގައި ޕްރޮގްރާމްތައް ހިންގަން ޖެހެއެވެ. އަދި އެމީހުން އަނބުރާ މުޖުތަމައަށް ނެރުމަށް ތައްޔާރު ކުރުމުގެ ގޮތުން ޕްރޮގްރާމްތައް ވެސް ހިންގަން ޖެހެއެވެ.
ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ޓެރެރިޒަމް ގަނޫނުގެ ދަށުން 48 މީހަކު ހިފައި ވަނީ ހައްޔަރު ހައްޔަރުކޮށްފައެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިގޮތުގައި ރާއްޖޭގައި މަސްތުވާތަކެއްޗަށް ފަހު އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޓެރެރިޒަމްއެވެ.
ހަރުކަށި ފިކުރުގެ ދިވެހިންގެ އަދަދު 1570 އަށް އަރާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. އަދި ސީރިއާގައި ތިބި ދިވެހިންގެ އަދަދާ ބެހޭ ގޮތުން ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފައި ވަނީ 173 މީހަކު ސީރިއާއަށް ހަނގުރާމައަށް ގޮސްފައި ވެއްޖެ ކަމަށެވެ.
ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ރާއްޖޭން ދިޔަ އެތައް ބަޔަކު ހަނގުރާމައިގައި މަރުވެފައިވާ އިރު އެ މީހުންގެ އަނބިދަރިންގެ ތެރެއިން ބައެއް މީހުން އެ ގައުމުގައި ހާލުގައި ޖެހިފައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރެއިން ބައެއް ދިވެހިން ރާއްޖެއަށް އަނބުރާ އަންނަން ބޭނުންވެފައި ތިބި އިރު އަނެއް ބަޔަކު ބޭނުން ވަނީ ސީރިއާގައި މަޑު ކުރާށެވެ.