ހައްދުފަހަނަ އަޅާ ދިއުމާއި ހަރުކަށި ފިކުރު ހުއްޓުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މައުލޫމާތު ބަދަލުކުރުމަށާއި، ސަރަހައްދީ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި މި ދާއިރާއިން ތަމްރީން ކުރުމަށް ދެކުނު އޭޝިއާގެ ސަރަހައްދީ ޕްރިވެންޓިން ވަޔަލަންޓް އެކްސްޓްރީމިޒަމް (ޕީވީއީ) ނެޓްވޯކް "ސާން ޕީވީއީ ދަ ރީޖަނަލް ނެޓްވޯކްއޮފް ޕީވީއީ ޕްރެކްޓިޝަނަސް" އިފްތިތާހް ކޮށްފިއެވެ.

ދެކުނު އޭޝިއާގެ ސަރަހައްދީ ޕީވީއީ ނެޓްވޯކް އިފްތިތާހު ކުރީ ”ދަ ތާޑް ހައިލެވެލް އެންޑް ޓެކްނިކަލް މީޓިންގްސް އޮން ލޯންޗިންސާން ޕީވީއީ ދު ރީޖަނަލް ނެޓްވޯކް އޮފް ޕީވީއީ ޕްރެކްޓިޝަނަޒް އޮފް ސައުތު އޭޝިއާ“ ގެ ނަމުގައި ހޮޓެލް ޖެންގައި މިއަދު ބޭއްވި "ހައިބްރިޑް" ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާގެ ފަރާތްރަކުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުނެއެވެ.

އެންސީޓީސީން ބުނީ ޖަޕާން ސަރުކާރުގެ ފަރާތުން ފަންޑްކޮށްގެން ޔޫއެންއޯޑީސީގެ ފަރާތުން ހިންގާ މި ނެޓްވޯކް ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ، ދެކުނު އޭޝިއާ އަދި އިރު ދެކުނު އޭޝިއާއަށް ނިސްބަތްވާ ގައުމުތަކުން ހަރުކަށި ފިކުރާއި ޓެރަރިޒަމް ހުއްޓުވުމަށް ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭގޮތުން އެއް ގައުމު އަނެއް ގައުމާއި ދޭތެރޭ ހިއްސާކުރެވޭ މައުލޫމާތުތައް މިހާރަށް ވުރެ ފުޅާކޮށް އަދި ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

މިގޮތުން ދެކުނު އޭޝިއާގެ ޕީވީއީ ނެޓްވޯކްގެ ފުރަތަމަ ހޮސްޓްކުރާ ގައުމެއްގެ ގޮތުގައި ވުމަށް ފާޅުކުރި ޝައުގުވެރިކަމާ އެއްގޮތަށް މި ނެޓްވޯކް ފުރަތަމަ ހޮސްޓްކުރެވިގެން މިދަނީ ދިވެހިރާއްޖޭގައި ކަމަށް ވެސް އެންސީޓީސީން ބުނެއެވެ. މިއީ، މިދާއިރާއިން ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާކޮށް އަދި ސަރަޙައްދީ ގައުމުތަކުން މިހާރު ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުން އިތުރަށް ފުރިހަމަވެގެންދާނެ ކަމެެއް ކަމަށް އެންސީޓީސީން ބުނެއެވެ.

އެންސީޓީސީން ބުނީ މި ބައްދަލުވުން ފެއްޓުމުގެ ގޮތުން ޖަޕާނު ސަރުކާރުގެ ފަރާތުންނާއި، ޔޫއެންއޯޑީސީ އިން އަދި މި ނެޓްވޯކްގައި ހިމެނޭ ސަރަހައްދީ ގައުމުތަކުން ވާހަކަ ދެއްކި ކަމަށެވެ. މިގޮތުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއިގެ ވާހަކަގައި، ސަރަހައްދީ ގައުމުތަކުގެ ފަރާތުން މިފަދަ މުހިއްމު މަސައްކަތެއްގައި ދޭ އެއްބާރުލުމަށް ތައުރީފްކުރައްވިއެވެ.

އަދި މި ނެޓްވޯކްގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށްވެސް ސަފީރުގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތު ފެއްޓެވުމުގެ ގޮތުން ދިވެހިރާއްޖޭގެ ފަރާތުން ވާހަކަ ދެއްކެވީ އެންސީޓީސީގެ ޑައިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ. ޑައިރެކްޓާ ޖެނެރަލްގެ ވާހަކަގައި އިހްތިރާމްކޮށް ތަހައްމަލުކުރުމުގެ އާދަ އަށަގަންނުވައި އިންސާނިއްޔަތުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތާ ޖީލެއް އުފެއްދުމަށްޓަކައި އަމާން މުޖުތަމައެއް ބިނާކުރުމަށް އަތުގުޅާލުމަށް ގޮވާލެއްވިއެވެ.

ނެޓްވޯކް ލޯންޗް ކުރުމަށް ފަހު، މި ޕްލެޓްފޯމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި، މި ނެޓްވޯކްގައި މަސައްކަތް ކުރާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި މާދަމާ ޕްރެކްޓިޝަނާސް އަށް އަމާޒުކޮށްގެން ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފައެވެ.

މި ބައްދަލުވުމުގައި ކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކުންނާއި މަދަނީ ޖަމިއްޔާތަކުގެ ފަރާތްތަކުން ބައިވެރިވާނެއެވެ.