ސްކޫލް ކުދިންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 30571 ދަރިވަރަކު ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19 އިން ދިފާއު ވުމަށް، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގައި މާލެއާއި އަތޮޅުތެރެއިން މިހާތަނަށް 36029 ދަރިވަރަކު ވެކްސިންގެ ފުރަތަމަ ޑޯޒް އަދި 30571 ދަރިވަރަކު ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ކަމަށެވެ.

މިހާތަނަށް 218 ސްކޫލެއްގައި ދަރިވަރުންނަށް ވެކްސިންގެ ފުރިހަމަ ޑޯޒް ޖަހަން ފަށާފައިވާއިރު ވެކްސިންގެ 2 ވަނަ ޑޯޒް 213 ސްކޫލަކުން ޖަހަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްކޫލެއްގައި ނޫޅޭ އުމުރުން 12 އާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހޭނީ އެޕޮއިންޓުމަންޓް އުސޫލުންނެވެ. ހަމައެއާއެކު ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމުތަކަށް ދާ ކުދިންނަށްވެސް އެޕޮއިންޓުމަންޓް އުސޫލުން ވެކްސިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.