ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 339,481 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 392،315 މީހުންނެވެ. އޭގެތެރެއިން 339,481 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އަތޮޅުތެރެއިން 753 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 86 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 677 މީހެކެވެ. ހަމައެއާއެކު މާލެއިން 490 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 85 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 405 މީހެކެވެ.

ރާއްޖޭގައި ކޮވިޑް ބަލިން ރައްކާތެރިވުމަށް ޖަހަމުން އަންނަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް ތިންވަނަ ޑޯޒެއް ޖަހަން ފަށަން އުޅޭ ކަމުގެ އިޝާރާތެއް އެޗްޕީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދީފައެވެ.

މިދިޔަ މަހު 21 ވަނަ ދުވަހު އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގާ ދިރިއުޅޭ އާބާދީގެ 85 ޕަސަންޓަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ވެކްސިން ޖެހޭ އުމުރުފުރާގެ 95 ޕަސަންޓަށް ވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިން ވެސް ފުރިހަމަ ވެއްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގިނަ އަދަދެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅަން ވަނީ ފަށާފައެވެ. އެމްޓީސީސީ އިން ވަނީ އެމްޓީސީސީގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ހޯދާ ފަރާތްތައް ކޮވިޑް 19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ވޭތޯ އެކުންފުނިން ބަލާނެ ކަމަށް ބުނެފައެވެ.