ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ހިންގާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 338،399 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 392،144 މީހުންނެވެ. އޭގެތެރެއިން 338،399 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 29 ވަނަ ދުވަހު އަތޮޅުތެރެއިން 327 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 31 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 296 މީހެކެވެ. ހަމައެއާއެކު މާލެއިން 290 މީހަކު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ. އެއީ ފުރަތަމަ ޑޯޒް ޖެހި 52 މީހަކާއި ދެވަނަ ޑޯޒް ފުރިހަމަ ކުރި 238 މީހެކެވެ.

ރާއްޖޭގައި ކޮވިޑް ބަލިން ރައްކާތެރިވުމަށް ޖަހަމުން އަންނަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް ތިންވަނަ ޑޯޒެއް ޖަހަން ފަށަން އުޅޭ ކަމުގެ އިޝާރާތެއް އެޗްޕީއޭ އިން އިއްޔެ ވަނީ ދީފައެވެ.

މިމަހު 21 ވަނަ ދުވަހު އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގާ ދިރިއުޅޭ އާބާދީގެ 85 ޕަސަންޓަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ވެކްސިން ޖެހޭ އުމުރުފުރާގެ 95 ޕަސަންޓަށް ވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިން ވެސް ފުރިހަމަ ވެއްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގިނަ އަދަދެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅަން ވަނީ ފަށާފައެވެ. އެމްޓީސީސީ އިން ވަނީ އެމްޓީސީސީގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ހޯދާ ފަރާތްތައް ކޮވިޑް 19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ވޭތޯ އެކުންފުނިން ބަލާނެ ކަމަށް ބުނެފައެވެ.