ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީތަކަށާއި މަރުކަޒުތަކުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ ނަރުހުން ހޯދަން، އައިޖީއެމްއެޗުން މިއަދު އިއުލާނު ކޮށްފިއެވެ.

އެ ހޮސްޕިޓަލުން ކުރި އިއުލާނުގައި ބުނީ ނަރުހުން މަސައްކަތް ކުރަންޖެހޭނީ މަދުވެގެން އަށް ގަޑިއިރު، ހަފްތާއަކު ފަސް ދުވަހުގަ ކަމަށާއި، ކޮންމެ މަހަކު މުސާރައިގެ ގޮތުގަ ދޭ 9،060ރ. ގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގަ ދުވާލަކު 188ރ. ދޭނެ ކަމަށެވެ.

ނަރުހުން ހޯދަން މިއަދު ހުޅުވާލިއިރު، ކުރިމަތިލާ ފަރާތްތަކުން ނާސިންގެ ރޮނގަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް ފަހެއް ނުވަތަ ހައެއް ހާސިލްކޮށްފައި އޮންނަން ޖެހެއެވެ.

ނަރުހުންނަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި، ބަލިމީހުންނަށް ލިޔެދީފައިވާ ބޭހާ އެއްގޮތަށް ފަރުވާ ދިނުމާއި، އެމީހުންގެ ހާލަތު ގާތުން ބަލަމުން ގެންދިއުމާއި، އެމީހުންނަށް ބޭނުންވާ ހާއްސަ އެހީތެރިކަން ދޭންޖެހޭ ހާލަތްތަކުގަ އެކަންތައްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން ބަލިމީހުންގެ ސިއްހީ މައުލޫމާތުތައް ލިއުން ހިމެނެއެވެ.

އެގޮތުން ބަލިމީހުންނަށް ދޭންޖެހޭ އަޅާލުން ދިނުމާއި، އެމީހުންނަށް ބޭނުންވާ ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ފަރުވާ އެހެން ސިއްހީ ފަރާތްތަކާ ގުޅިގެން ފަރުވާ ދިނުން ހިމެނޭ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ލިޔުންތައް ހުށަހަޅަން ޖެހޭނީ އަންނަ ބުދަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އީމެއިލް އަށެވެ.

އައިޖީއެމްއެޗުން ވަގުތީ ނަރުހުން ހޯދުމަށް އިއުލާނު ކުރިއިރު، އެ ހޮސްޕިޓަލްގެ ބަލިމީހުންގެ ކިޔޫ ބޮޑުވެ، ޑޮކްޓަރަށް ނުދެއްކި ލަސްވަމުން ދާތީ، ގިނަ ފަރާތްތަކުން ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.