ހިސާބު އަދަދުގެ "2" ނަމްބަރު ޖަހާފައި ވާ ބޮޑު ސްޓެޗޫއަކާއި ރިހި މެޑަލްއެއް، އެމެޒޯން ކުންފުނީގެ ބާނީ، ޖެފް ބެޒޯސްއަށް ފޮނުވާނެ ކަމަށް ބުނެ، ދުނިޔޭގެ 1 ނަމްބަރު މަހުޖަނުގެ މަގާމު މިހާރު ކަށަވަރު ކޮށްފައިވާ ސްޕޭސްއެކްސް ކުންފުނީގެ ވެރިޔާ އީލޯން މަސްކު، ޖޯކު ޖަހައިފިއެވެ.

މަސްކު މިފަދަ ރޫހެއްގައި ބެޒޯސްއަށް ޖޯކު ޖަހާފައި މިވަނީ، މިލްކިއްޔާތުގެ އަގު، 200 ބިލިއަން ޑޮލަރުގެ ފާހަގަ ހުރަސް ކުރުމާ އެކުގައެވެ. ބެޒޯސް މި ފާހަގަ ހުރަސް ކުރީ، މިދިޔަ އަހަރުއެވެ. މަސްކަކީ، މި މަގާމަށް އާދެވުނު 3 ވަނަ މީހާއެވެ. ދެން މި މަގާމުގައި އޮތީ ލުއިވިޓޯންގެ ބާނާޑް އާނޯލްޓްއެވެ.

މި މަހުޖަނުންގެ މިހާރުގެ މިލްކިއްޔާތުގެ އަގުތަކަށް ބަލާއިރު، 2 ވަނާގައި ބެޒޯސް އޮތީ 193.6 ބިލިއަން ޑޮލަރާއެކުގައެވެ. އާނޯލްޓް 3 ވަނާގައި އޮތީ 176.1 ބިލިއަން ޑޮލަރާއެކުގައެވެ.

4 ވަނަ މަގާމު ގެންދަނީ 129.3 ބިލިއަން ޑޮލަރާއެކު ބިލް ގޭޓްސްއެވެ.

ފޯބްޒް މަޖައްލާއިން ބުނާ ގޮތުގައި، ކޮވިޑް-19 ބަލިމަޑުކަމާއެކު، މަސްކުގެ ޓެސްލާ ކުންފުނީގެ އަގު ދަނީ އިންތިހާއަށް އުފުލެމުންނެވެ. ޓެސްލާ ކުންފުނީގެ ހިއްސާގެ އަގުތައް، މިއަހަރު 720 ޕަސެންޓް އުފުލުނު ކަމަށް މައުލޫމާތު ލިބެއެވެ.

ދުނިޔޭގެ 1 ނަމްބަރު މަހުޖަނުގެ މަގާމަށް އަރާ ފައިބަމުން ދާ ބެޒޯސްއާއި މަސްކްއަކީ، ޖައްވީ ފަތުރުވެރިކަމުގެ ރޭހުގައިވެސް ވާދަވެރިންނެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން