އެޗްޑީސީއާއި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް އަދި ދިރާގު ގުޅިގެން އިސްރަށްވެހިންގެ ދުވަސް ހުޅުމާލޭގައި ފާހަގަކުރަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ ދުނިޔެއަށް ކުރިމަތިވެފައި ވާ ކޮވިޑް-19 ގެ މިބަލިމަޑުކަމުގެ ސަބަބުން މުޖްތަމައުއަށާ، ވަކިން ހާއްސަކޮށް އިސްރަށްވެހިންނަށް ވަނީ ގިނަ އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހިފައި ކަމަށެވެ. އަދި އެ ފަރާތްތަކަށް މުޖުތަމައުގައި ހިންގޭ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހި ކޮށްދީ މި އަހަރުގެ އިސްރަށްވެހިންގެ ދުވަހު އެކޯޕަރޭޝަނާއި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް އަދި ދިރާގު ގުޅިގެން އެފަދަ ފަރާތްތަކަށް ހަރަކާތްތަކަކާ އެކު ހުޅުމާލޭގައި ފާހަގަކުރުމަށް ރާވާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އަންނަ މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަރަކާތުގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން ރައްޓެހިންގެ ގްރޫޕްތަކާ އެކު ބައިވެރިވެވޭ ގޮތަށް ބޯޑް ގޭމްސް ފަދަ ކުޅިވަރުތައް ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއަޅާ ގިނަ މައުލޫމާތުތަކެއް ދިނުމާ، އެ ފަރާތްތަކުގެ ހަކުރު އަދި ލޭގެ ޕްރެޝާ ބަލާލުން ފަދަ ހިދުމަތްތައް އެ ސަރަހައްދުން ލިބިގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ މި އަހަރުގެ ތީމް ކަމުގައިވާ "ޑިޖިޓަލް އެކުއިޓީ ފޯ އޯލް އޭޖަސް" އާ ގުޅުވައިގެން ދިރާގުގެ ފަރާތުން ވެސް ގިނަ ހިދުމަތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އެ ކަމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޑިޖިޓަލް އާލާތްތައް ބޭނުންކުރުމަށް އަހުލުވެރިކުރުވުމާ މައުނަވީ ގޮތެއްގައި ބައިވެރިވުމަށް ބާރު އެޅުމާ އެކު ހޭލުންތެރިކަން އިތުރު ކުރުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެހަރަކާތުގައި ބައިވެރިވާން ބޭނުންވާ 65 އަހަރުން މަތީގެ ގްރޫޕްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ވާ ދުވަހު ހެނދުނު 06:30 އިން 08:30 އަށް ރުއްގަނޑު 1 ސަރަހައްދުގައި ކަމަށް އިޗްޑީސީން ބުނެއެވެ.

އެޗްޑީސީން ވަނީ އިސްރަށްވެހިންނަށް މުޖުތަމައުގައި ހިންގޭ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހި ކޮށްދީ މި އަހަރުގެ އިސްރަށްވެހިންގެ ދުވަހުގައި ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގައި ބައިވެރިވުމަށް އެދިފައެވެ.

އެޗްޑީސީން ބުނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ރޭވިފައިވާ އެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ 65 އަހަރުން މަތީގެ މީހުންނާ، ގްރޫޕްތައް ރަޖިސްޓާވުމަށް 7924392 އަށް ގުޅުމަށް އެދޭ ކަމަށެވެ.