ބައެއް ރަށްރަށުގެ ކައުންސިލަށް ސެކެޓްރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް މީހުން ނުލިބިގެން އަލުން އިއުލާން ކޮށްފިއެވެ.

އެސްޖީން ހޯދަން މިދިޔަ ޖޫން މަހު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާން ކޮށްގެން އެދެވޭ ތަރުހީބެއް ނުލިބި މިއަދު ވަނީ 74 އެސްޖީއަކޫ ހޯދަން އަލުން އިއުލާން ކޮށްފައެވެ. މިފަހަރު އެ ވަޒީފާއަށް ކުރިމަތިލާން ޖެހޭނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މުސާރައިގެ ގޮތުގައި މަހަކު 9،300 ރުފިޔާ ލިބޭއިރު އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800 ރުފިޔާ ލިބޭނެއެވެ.

އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ 12،130 ރުފިޔާއެވެ. އެ މަގާމަށް އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870 ރުފިޔާ ލިބޭނެއެވެ. ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަކަށް މަހަކު 20،500 ރުފިޔާ ލިބޭއިރު އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެއެވެ.

އެސްޖީގެ މަގާމަށް މީހުން ހޯދަން ކުރިން އިއުލާނު ކުރި ބުރުގައި 511 މީހަކު ކުރިމަތިލި ނަމަވެސް އޭގެ ތެރެއިން ޝޯތް ލިސްޓް ވީ 272 މީހެކެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަން ޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދާ އިރު ދާދި ފަހުން ވަނީ ރަށު ލެވެލްގައި ހަދަން ޖެހޭ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ކައުންސިލްތަކަށް ނިންމިފައި ނުވާތީ ކައުންސިލްތަކުގެ ގާނޫނަށް އިސްލާހުވެސް ގެނެސްފައެވެ. ގާނޫނަށް ފަހުން ގެނައި އިސްލާހުގައިވާ ގޮތުން ތިން މަސް ދުވަހުގެ ތެރޭގައި ރަށުގެ ތަރައްގީގެ ޕްލޭން ނިންމަން ޖެހޭނެއެވެ.

އަލަށް ހުވާކުރާ ކައުންސިލަރުން މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވައިލަން މަޖުބޫރު ކޮށްފައި އޮތަސް، ކޮވިޑުގެ ހާލަތާ ގުޅިގެން އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. ރަށްރަށުގެ ލޭންޑްޔޫސް ޕްލޭނާއި ތަރައްގީގެ ޕްލޭން ނިންމުމުގައި ދަތިތައް ހުރި އިރު އެކިއެކި ރަށްރަށުގެ ކައުންސިލްތަކުން ވަނީ ތަފާތު އެކިއެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ތަފާތު އެކި ފޯރަމްތައް ބާއްވާފައެވެ. އަދި އެލްޖީއެއިންވެސް ވަނީ ކްލަބްހައުސްގައި ގިނަ ފޯރަމްތަކެއް ބާއްވައި ޕްލޭން ތައްޔާރު ކުރާނެ ގޮތާއި، އެކަމުގައި ގެންގުޅެން ޖެހޭ މިންގަނޑުތަކާއި ހަމަތައް ކިޔައިދެމުން ގެންގޮސްފައެވެ.

މިހާރު ކައުންސިލްތަކުގެ މަސައްކަތް މިންކޮށް ރޭންކު ކުރުމަށް އެލްޖީއޭއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ތައްޔާރު ކޮށް ހުށަހަޅަން ޖެހޭ ޕްލޭން ހުށަހަޅަން ޖެހޭ ފަހު ތާރީހަކީ އަންނަ ނޮވެންބަރު 30 އެވެ.