އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމިނާ ދެކޮޅަށް ތުހުމަތުކުރި މައްސަލައިގައި ދައުލަތަށް ކަންތައްތަކެއް އޮޅުނު ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތް ކުރައްވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާކޮށް އެކި ފަރާތްތަކަށް އެ ފައިސާ ބެހި އެސްއޯއެފް ކުންފުނީގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާކަން ދައުލަތުގެ ވަކީލު ސުޕްރީމް ކޯޓުގައި ހާމަކުރެއްވިފަހުން، އެގޮތަށް ނިންމާފައި ނުވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން އިއްޔެ ވަނީ ބުނެފައެވެ.

ޑރ. ޖަމީލު އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގައިވެސް ދައުލަތަށް "އޮޅުންތަކެއް" އަރާފައިވާ ކަމަށެވެ.

އެގޮތުން، ގާނޫނު އަސާސީން މީހަކު ކުށްވެރި ވަނީ ކުށް ކުރުމުގެ އިތުރުން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް އެކަން ސާބިތުވެގެން ކަމަށާއި، ކުށަކަށް ޝައްކު ވުމާއެކު މީހަކު ކުށްވެރިވާކަން ގާނޫނު ނުދަންނަ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އަދި ކުށެއް ނުހިނގާހާ ހިނދަކުވެސް މީހަކު ކުށްވެރި ނުވާނެ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި މައްސަލައިގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެގެން ނޮވެމްބަރު 28، 2019 ގައެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދު ކޮށްފައެވެ.

މި ހުކުމް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ވަނީ ފަށައިފައެވެ.

ޕީޖީ އޮފީހުން ބުނީ އެ ޝަރީއަތުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރި ކަމުގާ ވީ ނަމަވެސް، އެމްއެމްޕީއާރުސީއާ ގުޅުން ހުރި އެހެން މައްސަލަތަކުގައި އެކަށީގެންވާ ހެކި ހުރެއްޖެ ނަމަ، އެސްއޯއެފްއާ ދެކޮޅަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. މިއީ ޕީޖީގެ މަގާމާ ހުސެއިން ޝަމީމް ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ނިންމާފައި އޮތް ނިންމުމެއް ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ބުނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނުނިންމާ ކަމަށާއި އެހެންނަމަވެސް ރައީސް ޔާމީންގެ މައްޗަށް މިހާރު ދައުވާ ކުރާ ޓްރާންސެކްޝަނާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ޝަރީއަތުގައި ޕީޖީން ބުނެފައި ވާނެ ކަމަށެވެ.