މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭނެ ގޮތް ހަދައިފިއެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އޭވިއޭޝަން ސެކިއުރިޓީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުން ކުރާ ލިޔުންތައް ހޯދުމުގައި ދަތިތައް ކުރިމަތިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

އެހެންކަމުން އެކަން ހައްލުކުރުމަށް ބައެއް ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އޭގައި ހިމެނޭ މައުލޫމާތުތައް ސާފުކޮށް އެނގޭނަމަ އެތެރޭގެ އުދުހުންތަކުގައި ޗެކް އިން ވުމަށާއި ޓިކެޓު ގަތުމުގެ ސެކިޔުރިޓީ ޗެކް ޕޮއިންޓުތަކުން ކާކުކަން ދެނެގަތުމަށް އެ ލިޔުންތައް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބުނެފައިވެއެވެ.

މުއްދަތު ހަމަވެފައިވީ ނަމަވެސް އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރެވޭނެ ލިޔުންތަކުގެ ތެރޭގައި ޕާސްޕޯޓް، އައިޑީކާޑު، ވޯކް ވިސާ ކާޑު، ލައިސަންސް ކާޑު، އެއާޕޯޓު ސެކިޔުރިޓީ ފާސް، ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް ހިމެނެއެވެ.

އެ ސާކިއުލާގައި ވަނީ ޑިފެންސް މިިނިސްޓްރީން އެހެން ގޮތެއް އަންގަންދެން މިގޮތަށް އަމަލު ކުރުމަށް އެދިފައެވެ.