ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ނެޝަމަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު، އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނުގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި، އެމްއެންޕީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އެ ޕާޓީއަށް ދެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގެވެ.

އެ ކޮމިޝަނުން އެ ހުއްދަ ދިނީ މިމަހުގެ 15 ގައި އެ ޕާޓީ ރަޖިސްޓްރީ ކުރަން ކޮމިޝަނަށް މެމްބަރުންގެ ސޮއި ހުށަހެޅި ފަހުންނެވެ.

އެމްއެންޕީން ބުނީ އެ ޕާޓީން އިލެކްޝަންސް އަށް 5،000 އަށް ވުރެ ގިނަ މެމްބަރުންގެ ފޯމް ހުށަހަޅާފައިވާ ކަމަށާއި އަދި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން ހަމަކުރުން ކަމަށެވެ.

ގާނޫނުއަސާސީގެ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ ސޮއި ހުށަހަޅާތާ ހަ މަސްދުވަހުގެ މުއްދަތުގައި ޕާޓީ ހިންގުމާ ބެހޭ އަސާސީ ގަވާއިދާއި މެނިފެސްޓޯއާ ބެހޭ ނިންމުންތައް ނިންމުމަށް މަދުވެގެން ޕާޓީގެ 300 މެމްބަރުންނާއެކު ބައްދަލުވުމެއް ބާއްވަން ވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީއެއް ރަޖިސްޓްރީ ކުރަނީ އެ ޕާޓީއެއްގެ ބައްދަލުވުމާ ބެހޭ ތަފްސީލު ހިއްސާކުރުމަށް ފަހު، އެ މައުލޫމާތަށް ބެލުމަށް ފަހުގައެވެ.